ދަނޑުވެރި ނަފާ ފައިނޭންސިން ޝަރީއާ ހަމަތަކަށް ބަދަލުކޮށް އަލުން ތައާރަފްކޮށްފި
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ހިންގާ "ދަނޑުވެރި ނަފާ" ސްކީމް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ބަދަލުކޮށް މިއަދު ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް އާ ހިސާބަކަށް ގެންދިއުމަށާއި ދަނޑުވެރިންނަށް ލުއިފަސޭހަކަމާއެކު ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަރުމާކުރި މި ސްކީމް މިހާރު ވަނީ މުޅިން ޝަރީއާ ހަމަތަކަށް ފެތޭ ގޮތަށް އަލުން އެކުލަވާލާފައެވެ.
އެސްއެމްއީ ޑިޖިޓަލުން ހާމަކުރި ގޮތުގައި މި ބަދަލަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ އުސޫލުން ފައިނޭންސިން ހަމަޖައްސައިދިނުމަށާއި، އެ ކުންފުންޏަކީ ފުރިހަމަ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޅި މުހިންމު ފިޔަވަޅެކެވެ. މިއީ ރާއްޖޭގެ ދަނޑުވެރިންނަށް އެމީހުންގެ ވިޔަފާރިތައް ފުޅާކޮށް، އިގްތިސާދީ ގޮތުން ކުރިއެރުން ހޯދުމަށް މަގުފަހިކޮށްދޭނެ އިންވެސްޓްމަންޓް ފުރުސަތެކެވެ.
Ads by BMLމި ސްކީމްގެ ދަށުން އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް އެއްވެސް ރަހުނަކާ ނުލައި 500,000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަހުނެއް ބަހައްޓާ ފަރާތްތަކަށް 1,000,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ހަމަޖައްސައިދޭން ނިންމާފައިވާއިރު، މި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ ދިގު މުއްދަތެއް ލިބޭނެއެވެ. މީގެ އިތުރުން ފައިސާ ދައްކަން ފެށުމުގެ ކުރިން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ނުވަތަ މާލީ ލުއި މުއްދަތެއްވެސް ލިބިގެންދާނެއެވެ.
އަހަރަކު 6 އިންސައްތައިގެ ރޭޓެއް ކަނޑައަޅާފައިވާ މި ފައިނޭންސިން ސްކީމް ހާއްސަކޮށްފައިވަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދަނޑުވެރިކަން ތަރައްގީކުރުމަށެވެ. އެގޮތުން ރަށްރަށާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކުރާ އާބަން އެގްރިކަލްޗަރ ނުވަތަ ރައްކާތެރި މާހައުލެއްގައި ގްރީންހައުސް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ޕްރޮޓެކްޓަޑް އެގްރިކަލްޗަރގެ މަޝްރޫއުތަކަށް މި ސްކީމްގެ ދަށުން ބޮޑު އިސްކަމެއް ދޭނެއެވެ.
Ads by MACL
