ދޮގު ވާހަ ދައްކާ އިދިކޮޅު ވެރީންނަށް ވަޒީރު ސަޢީދު: ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުޢިއްޒު!
ވަޒީރު ސަޢީދު ވިދާޅުވީ ޕާޓީގެ ހުރިހާ ގުނަވަންތަކެއްގެ އަމާޒަކީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގައި އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތުވެ ތިބުން ކަމަށެވެ. އަދި ރާއްޖެއަށް ހަމަޖެހުމާއި ތަރައްޤީ ގެނައުމަށް ކުރައްވާ މަސައްކަތްޕުޅުގައި ބައިވެރިވެ، ހަވާލުކުރެވޭ ކޮންމެ މަސައްކަތެއް ކާމިޔާބުކަމާއެކު ނިންމައި ނަތީޖާ ނެރުމަކީ އެންމެންގެ ވެސް މަޤްޞަދު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އިދިކޮޅު ފަރާތްތަކަށް މެސެޖެއް ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ ޕީއެންސީގެ 2028 ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބަކުން އެކަމަކަށް ބަދަލެއް ނާންނާނެ ކަމަށާއި، ރައީސްގެ ލީޑަރޝިޕްގައި ޕާޓީ ވަނީ އިތުރަށް ވަރުގަދަވެ، ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށް ވަޒީރު ވިދާޅުވި އެވެ.
ޕީއެންސީން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ "ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަށް ވެއްޖެ. ކުރު މުއްދަތަކުން އެންމެ ގިނަ އިންތިޚާބު ކާމިޔާބުކުރި ޕާޓީއަށް ވެއްޖެ. މަޖިލީހުގެ އެންމެ ބޮޑު ސުޕަމެޖޯރިޓީ ހޯދި ޕާޓީއަށް ވެއްޖެ" ކަމަށެވެ. މީގެ އިތުރުން އެންމެ ގިނަ ދަރަނި ދައްކައިދީ، އެންމެ ގިނަ ބިން ހިއްކައިދީ، އެއްފަހަރާ އެންމެ ގިނަ މަޝްރޫޢު ހިންގާ ޕާޓީއަކަށް ޕީއެންސީ ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު އިދިކޮޅު ޕާޓީއެއް ނެތުން ކަމަށެވެ. އިދިކޮޅު ލީޑަރުންގެ ތެރޭގައި އުފެދިފައިވާ ކޯލިޝަންތަކުން ވެރިއަކު ނުފެންނަ ކަމަށާއި، އެތަންތަނުން ފެންނަނީ ނަފްރަތާއި ކެހިވެރިކަން ކަމަށް ސަޢީދު ސިފަކުރެއްވި އެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ރައީސް ޑރ. މުޢިއްޒުގެ ޤާބިލް ލީޑަރޝިޕް މިހާރު ވެސް ޔަގީންވެ ކަށަވަރުވެފައިވާ ކަމަށް ވިދާޅުވަމުންނެވެ.
Ads by MACL
