ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: އިރާގު ބަލިކޮށް ފްރާންސް ދެވަނަ ބުރަށް

ވޯލްޑް ކަޕް 2026: އިރާގު ބަލިކޮށް ފްރާންސް ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުން އިރާގު އަތުން 3-0 އިން މޮޅުވެ، ފްރާންސުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ފްރާންސުން ޑޮމިނޭޓްކުރި އިރު، 14 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހައި އެޓީމަށް ލީޑު ހޯދައިދީފައެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ގޯލެވެ. އިރާގަށް އިތުރު ދަތިތަކެއް ކުރިމަތިވީ މެޗުގެ 26 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން އައިމަން ހުސައިންއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުންނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދެވަނަ ހާފު ފެށުނީ ދެ ގަޑިއިރުގެ މެދުކެނޑުމަކަށް ފަހުއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވިއްސާރައިގެ ސަބަބުން މިހާ ބޮޑު މެދުކެނޑުމެއް އައި ފުރަތަމަ ފަހަރެވެ. ނަމަވެސް މެޗު އަލުން ފެށިގެން ނުވަ މިނެޓުގެ ތެރޭގައި އެމްބާޕޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ފްރާންސްގެ ލީޑު ފުޅާކޮށްދީފައެވެ. މި ގޯލާއެކު އެމްބާޕޭ ވޯލްޑް ކަޕް ތާރީހުގައި ޖެހި ގޯލުގެ އަދަދު ވަނީ 16 އަށް އަރާފައެވެ.

ފްރާންސްގެ ތިންވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުސްމާން ޑެމްބެލޭ އެވެ. އިރާގުން މެޗުގެ ފަހުކޮޅު ލަނޑެއް ޖެހުމަށް މަސައްކަތް ކުރި ނަމަވެސް، އަލީ އަލް ހަމާދީ ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި ނަތީޖާއާއެކު ފްރާންސް ވަނީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ފްރާންސަކީ 1998 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަނުންނެވެ.

އަނެއްކޮޅުން، 40 އަހަރުގެ އިންތިޒާރަކަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވި އިރާގަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.