ވޯލްޑް ކަޕް 2026: ހާލަންޑްގެ ދެ ގޯލާއި އެކު ސެނެގާލް ބަލިކޮށް ނޯވޭ ދެވަނަ ބުރަށް
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އައިގައި މިރޭ ކުޅުނު މެޗުގައި ސެނެގާލް 3-1 އިން ބަލިކޮށް، ނޯވޭއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މޮޅުވެ ނޯވޭއިން ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ 6 ޕޮއިންޓް ހޯދާފައެވެ. މިއާއެކު މި ގްރޫޕުން ނޯވޭއާއި ފްރާންސް ވަނީ ގަދަ 32 ޓީމުގެ ބުރަށް ދަތުރުކޮށްފައެވެ.
މެޗު ފެށިގެން ނޯވޭއިން ވަނީ ސެނެގާލްގެ ގޯލަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން މާޓިން އޮޑެގާޑް ނަގައިދިން ކޯނަރަކުން ކްރިސްޓޮފާ އަޔޭ ފޮނުވާލި ބޯޅަ ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ނަމަވެސް މެޗުގެ 43 ވަނަ މިނެޓުގައި ނޯވޭއިން ވަނީ ލީޑު ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މާކަސް ހޮމްގްރެން ޕެޑަސަންއެވެ.
ދެވަނަ ހާފު ފެށިގެން 48 ވަނަ މިނެޓުގައި ނޯވޭގެ ތަރި އާލިން ހާލަންޑް ވަނީ އެޓީމުގެ ދެވަނަ ގޯލް ޖަހައިދީފައެވެ. މިއީ އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. ސެނެގާލްގެ އިސްމައިލާ ސާ 53 ވަނަ މިނެޓުގައި ގޯލެއް ޖަހައި އުންމީދު އާކޮށްދިން ނަމަވެސް، 58 ވަނަ މިނެޓުގައި ހާލަންޑް ވަނީ އޭނާގެ ދެވަނަ ގޯލް ޖަހައި ނޯވޭއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
Ads by BMLމި މެޗުގައި ޖެހި ދެ ގޯލާއެކު ހާލަންޑް ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް 4 ގޯލް ހަމަކޮށްފައެވެ. އަދި އޭނާ ގައުމީ ޓީމަށް ކުޅުނު 52 މެޗުން މިހާރު ވަނީ 58 ގޯލް ހަމަކޮށްފައެވެ. މެޗުގެ ފަހުކޮޅުގައި ސެނެގާލްގެ ކީޕަރު މެންޑީއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމަކީ އެޓީމަށް ލިބުނު އިތުރު ހިތްދަތިކަމެކެވެ.
މި ނަތީޖާއާއެކު ސެނެގާލާއި އިރާގު ވަނީ މުބާރާތުން ކެޓުމުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައެވެ. ގްރޫޕްގެ އެއްވަނަ ހޮވާނީ ފަހު މެޗުގައި ނޯވޭއާއި ފްރާންސް ބައްދަލުކުރާ މެޗުންނެވެ. ސެނެގާލަކީ އެފްރިކާގެ އެންމެ ވަރުގަދަ އެއް ބާރު ކަމަށްވީ ނަމަވެސް، މިފަހަރުގެ މުބާރާތުގައި އެޓީމަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
Ads by MACL
