ތެލެސީމިއާ ކުދިންގެ ފަރުވާއަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ހޭދަކޮށްފި
މާލީ ބޮޑު ހޭދައެއް ހިނގާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ފަރުވާއަށް އެހީތެރިވުމުގެ ގޮތުން، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާގެ މާލީ އެހީއެއް ފޯރުކޮށްދީފިއެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން މި ފައިސާ މިހާރު ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭ) އާ ހަވާލުކޮށްފައެވެ.
މި އެހީއަކީ 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 21 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ވެވުނު ފަހުމުނާމާގެ ދަށުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެހީއެކެވެ. ނަމަވެސް، މި އެއްބަސްވުމުގެ ކުރިންވެސް، 2014 ވަނަ އަހަރުން ފެށިގެން ޒަކާތު ފަންޑުން ދަނީ ތެލެސީމިއާ ބަލިމީހުންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެކި ފަހަރުމަތިން މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދާއިމީ ސިއްހީ ފަރުވާއާއި ގަވާއިދުން ލޭ އެޅުމަށް ބަރޯސާވާންޖެހޭ ތެލެސީމިއާ ބައްޔަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމެވެ. ހަދިޔާކުރާ ފަރާތެއްގެ ދުޅަހެޔޮ ސްޓެމް ސެލްތައް ބޭނުންކޮށްގެން ކުރާ މި ފަރުވާގެ ސަބަބުން ބަލިމީހާގެ ހަށިގަނޑުގައި އާދައިގެ ރެޑް ބްލަޑް ސެލްތައް އުފެއްދުމުގެ ގާބިލުކަން ލިބި، ދިގު މުއްދަތުގެ ނުރައްކާތަކުން ސަލާމަތްވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދެއެވެ. މިއީ ވަރަށް ބޮޑަށް ޚާއްސަވެފައިވާ އަދި އަގުބޮޑު ފަރުވާއަކަށް ވުމުން، މިފަދަ މާލީ އެހީތަކަކީ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް އާއިލާތަކަށް ލިބޭ ބޮޑު ލުޔެކެވެ.
Ads by MACL
