ސަމްޕާ ސަރަހައްދުގައި އުޅަނދުފަހަރު ދުއްވޭނެ ދުވެލިތައް ކަނޑައިފި
އަރިއަތޮޅު ދެކުނުބުރީގައި އޮންނަ، ރާއްޖޭގެ އެންމެ ބޮޑު މެރިން ޕްރޮޓެކްޓެޑް އޭރިއާ ކަމަށްވާ "ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަމްޕާ) ގައި ދަތުރުކުރާ އުޅަނދުފަހަރު ދުއްވަންޖެހޭ ދުވެލި ވަކި މިންގަނޑުތަކަކަށް ފެއްތުމަށް އެކުލަވާލި ޚާއްސަ މެނޭޖްމަންޓް ޕްލޭނަށް ރަސްމީކޮށް އަމަލުކުރަން ފަށައިފިއެވެ.
ކަނޑުގެ ދިރުންތަކަށް، ޚާއްސަކޮށް އެ ސަރަހައްދުގައި އުޅޭ ފެހުރިހިތަކަށް އުޅަނދުފަހަރުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަގްސަދުގައި އެކުލަވާލި މި ޕްލޭން ތަންފީޒުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ޖުމްލަ 5،610 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިމެނޭ މި މެރިން ޕްރޮޓެކްޓެޑް އޭރިއާއަކީ ރަންގަލި ރީފްގެ ހުޅަނގު ދެކުނު ކަނުން ފެށިގެން ދިގުރަށް ރީފްގެ އުތުރު ކޮޅާ ހަމައަށް، އަދި ރީފުން ބޭރަށް އެއް ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ ބައެކެވެ.
Ads by BMLތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، މި ސަރަހައްދުގައި އުޅަނދުތައް ދުއްވުން ވަކި އުސޫލެއްގެ ތެރެއަށް ފެއްތުމަކީ ރާއްޖޭގެ ކަނޑުގެ މާހައުލު ރައްކާތެރިކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން، ސަމްޕާ ސަރަހައްދުގެ އާންމު އިމުގެ ތެރޭގައި އުޅަނދުފަހަރު ދުއްވޭނެ އެންމެ މަތީ ދުވެއްޔަކީ 10 ނޮޓެވެ. އަދި ފެހުރިހި ފަދަ ބޮޑެތި ކަނޑުގެ ދިރުންތަކާ ގާތްވާއިރު ދުވެލި ވަރަށް ބޮޑަށް ދަށްކުރަންޖޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ފެހުރިއްސަކާ 250 މީޓަރުގެ ކޮންޓެކްޓް ޒޯނެއްގެ ތެރެއަށް ވަނުމުން ދުވެލި 5 ނޮޓަށް ތިރިކުރަންޖެހޭއިރު، 50 މީޓަރުގެ ރޭޑިއަސްއެއްގެ ތެރޭގައި ދުއްވަންޖެހޭނީ އެންމެ 2 ނޮޓުގައެވެ. އަދި ދިރުންތަކާ 15 މީޓަރަށްވުރެ ގާތްވެއްޖެ ނަމަ، އުޅަނދުގެ އިންޖީނު ނިއުޓްރަލްގައި ބަހައްޓަންޖެހޭނެ ކަމަށް ޕްލޭންގައި ބަޔާންކޮށްފައިވެއެވެ.
ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި، މި ބަދަލާއެކު ކަނޑުގެ ދިރުންތަކަށް ލިބޭ ޖިސްމާނީ ގެއްލުންތައް ކުޑަވުމުގެ އިތުރުން، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި މޫދަށް އެރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ވެސް އިތުރަށް ކަށަވަރުވެގެންދާނެއެވެ. އެހެންކަމުން، މި ސަރަހައްދުގެ ގުދުރަތީ ރީތިކަމާއި ދިރުންތައް ދެމެހެއްޓުމަށްޓަކައި ހުރިހާ އުޅަނދުފަހަރަކުން ވެސް މި ކަނޑައެޅުނު ދުވެލީގެ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބައި، ޒިންމާދާރުކަމާއެކު ދަތުރުފަތުރުކުރުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
