"100 ޔެއާސް އޯލްޑް މެސީ ފޭން" މެސީއަށް ފުން އަސަރުތަކެއް ކުރިވި ބޮޑު މަންޒަރެއް!
ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަކީ ހަމައެކަނި ދަނޑުމަތީގައި ދައްކާ ހުނަރުވެރި ކުޅުމުގެ ސަބަބުން މަޝްހޫރުވެފައިވާ ކުޅުންތެރިއެއް ނޫނެވެ. އޭނާއަކީ އިންސާނިއްޔަތުކަމާއި، މަޑުމައިތިރިކަމުގެ ލާމަސީލު މިސާލެއްވެސްމެއެވެ. ދާދިފަހުން މެސީ މިވަނީ އޭނާގެ ކެރިއަރުގައި ދިމާވި އެންމެ އަސަރުގަދަ އެއް ހާދިސާގެ ވާހަކަ ހިއްސާކޮށްފައެވެ. މިއީ ފުޓްބޯޅައިގެ ފޯރިއަށްވުރެ ބޮޑަށް، އިންސާނީ ގުޅުމާއި ލޯބީގެ މައްޗަށް ބިނާވެފައިވާ ވާހަކައެކެވެ.
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ތެރެިން ރޭ އޮސްޓްރިއާއާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މެސީގެ ނަޒަރު ހުއްޓުނީ ތަފާތު މަންޒަރަކަށެވެ. މެސީ ކިޔައިދިން ގޮތުގައި، ދަނޑުގެ ސަޕޯޓަރުންގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު ފެނުމާއެކު، އޭނާގެ މުޅި ދުނިޔެ ހުއްޓުނު ކަހަލަ އިހުސާސެއް ކުރެވުނެވެ.
"އަހަރެން އޭނާ ފެނުމުން، ހަގީގަތުގައިވެސް އަމިލަ ނަފްސު ކޮންޓްރޯލް ކުރަން އުނދަގޫވި. އަސަރުގަދަ ޖަޒުބާތުތަކެއް ކުރިމަތިވި. އެ ވަގުތު އަހަރެންގެ ކުރިމަތިން މުޅި ދަނޑާއި ބޯޅަ ގެއްލުނު ކަހަލަ. އެއީ ދަނޑެއް ނޫން، އެއީ އަޑުގަދަ މާހައުލެއް ނޫން، އެއީ އެއްވެސް ޕްރެޝަރެއް އޮތް ތަނެއް ނޫން. އެއީ ހަމައެކަނި އިހުސާސްތަކުން ފުރިގެންވީ ވަގުތެއް،" މެސީ ކިޔައިދިނެވެ.
Ads by BMLއެ މެޗުގައި "100 ޔިއާސް އޯލްޑް މެސީ ފޭން" ޖަހާފައިވާ ބޯޑެއް ހިފައިގެން އިން މި ސަޕޯޓަރަކީ ގަރުނެއްގެ ދިގު ދަތުރު ކަޑަތުކޮށްފައިވާ މުސްކުޅި އަންހެނެކެވެ. ދުނިޔޭގެ ހަނގުރާމަތަކާއި، އެތައް ޖީލުތަކެއްގެ ބަދަލުވުންތައް އޭނާ ވަނީ ދެކެފައެވެ. މެސީ ބުނި ގޮތުގައި، އެހާ ގިނަ ކަންތައްތަކެއް ތަހައްމަލުކޮށްފައިވާ މީހަކު، މިއަދުވެސް ހިނިތުންވުމާއެކު މެސީގެ ނަން ލިޔެފައިވާ ބޯޑެއް އަތުން ހިފަހައްޓައިގެން ހުރުމަކީ ބަޔާންކުރަން ދަތި އެހެން ނަމަމަވެސް އެހާމެ ބޮޑު އުފަލެއްގެނުވިކަމެކެވެ. މިއީ ފުޓްބޯޅައިގެ ސަބަބުން އުފެދުނު ވަރަށް ތަފާތު އިންސާނީ ގުޅުމެއްގެ ގޮތުގައި މެސީ ސިފަކުރިއެވެ.
މި މަންޒަރު ފެނުމުން މެސީގެ ހިތަށް ވެރިވެގެންދިޔައީ އޭނާ ފުޓްބޯޅައިގައި އެޅި ފުރަތަމަ ފިޔަވަޅުތަކެވެ. ކުޑައިރު ދެކުނު ހުވަފެންތަކާއި، އޭނާގެ އާއިލާއިން އޭނާއަށްޓަކައި ވި ގުރުބާނީތަކެވެ.
"އަހަރެންގެ ނަން މިހާ ދިގު މުއްދަތަކަށްފަހު، މިފަދަ އިންސާނަކާ ހަމައަށް ފޯރާފައިވާތީ އަހަރެން ހައިރާންވޭ. މިއީ އަހަރެން ހައްގު މިންވަރަށްވުރެ މާ ބޮޑު ކަމެއް. އެއްވެސް ކުޅުންތެރިއަކަށް މިފަދަ ލޯތްބެއް ހައްގު ނުވާނެ، ސަބަބަކީ މިއީ ފުޓްބޯޅައަށްވުރެ މާ މަތީ ކަމެއް،" މެސީގެ ވާހަކައިގައި ފާހަގަކުރިއެވެ.
މެސީގެ މި އަސަރުގަދަ ވާހަކައިން ހާމަވެގެންދަނީ ކުޅިވަރަކީ ހަމައެކަނި މޮޅުވުމާއި ބަލިވުން ނޫންކަމެވެ. އެއީ އިންސާނުންގެ ހިތްތަކާ ގުޅިފައިވާ، ޖީލުތަކުގެ މެދުގައި އޮންނަ ވަރުގަދަ ފާލަމެކެވެ. މެސީ ފަދަ ބޮޑު ތަރިއަކު މިފަދަ ކުޑަ ކަމަކުން އަސަރުކޮށް، އެކަން ހިއްސާކުރުމަކީ އޭނާގެ ހިތްތިރިކަމާއި އިންސާނިއްޔަތުކަން ހާމަކޮށްދޭ އަލިގަދަ ހެކިތަކެވެ.
Ads by MACL
