މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށް އައު އީޖާދުތަކަށް އެހީވާ "ވިލުންވެށި" ގްރާންޓް ޕްރޮގްރާމް ފަށައިފި
ތިމާވެށްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް ކެތްކުރެވޭނެ ފަދަ ދެމެހެއްޓެނިވި ވެއްޓެއް ބިނާކުރުމަށާއި، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް މިއަދު ތައާރަފްކޮށްފިއެވެ.
"މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަހާސިންތާ" ގެ ތެރެއިން މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޢަލީ ޝަރީފެވެ.
މި މަޝްރޫޢަކީ ތިމާވެށި ޙިމާޔަތްކުރުމާއެކު އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ މުހިއްމު ހަރަކާތެކެވެ. މި މަސައްކަތް ކުރިއަށްދަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެންނެވެ.
މި ޕްރޮގްރާމްގެ ދަށުން ހުޅުވާލެވޭ މެޗިންގ ގްރާންޓް ސްކީމްގެ ސަބަބުން ކާނާއާއި ފެނުގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލައިޒޭޝަން ފަދަ މުހިއްމު ދާއިރާތަކުން ޢަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ޢަލީ ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީއަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ބޮޑުކަންވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
މި ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ތިމާވެށްޓާ ރައްޓެހި އައު ޚިޔާލުތައް ޙަޤީޤަތަކަށް ހެދުމަށް ކުރިމަތިވާ މާލީ ހުރަސްތައް ނައްތާލުމެވެ. މީގެ އިތުރުން، އާންމު ފަރުދުންނަށާއި، ޖަމްޢިއްޔާތަކަށް، އަދި ޚާއްޞަކޮށް އީޖާދީ މަސައްކަތްތަކުގައި އުޅޭ ޒުވާނުންނާއި އަންހެނުންގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި މަޝްރޫޢުގެ ތެރެއިން ވަނީ ރޭވިފައެވެ.
Ads by MACL
