ވޯލްޑް ކަޕް 2026: އުޒްބެކިސްތާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރޮނާލްޑޯ؛ ހުއްޓުވޭނެ ގޮތެއް ނެތް!
މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަނަވާރޯ ބުނީ ޕޯޗުގަލް އަކީ މިފަހަރުގެ މުބާރާތުގެ އެންމެ ފޭވަރިޓް އެއް ޓީމު ކަމަށެވެ. އަދި އޭނާގެ ކޯޗިން ކެރިއަރުގައި ކުރިމަތިވާނޭ އެންމެ ބޮޑު އިމްތިހާނަކީ ވެސް މިރޭގެ މެޗު ކަމަށް އޭނާ ފާހަގަކުރިއެވެ. ކަނަވާރޯގެ ނަޒަރުގައި ރޮނާލްޑޯ އަކީ އެންމެ ބޮޑު ނުރައްކަލެވެ.
އުޒްބެކިސްތާނުގެ ކުޅުންތެރިން މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަން ފާހަގަކުރަމުން ކޯޗު ބުނީ، ރޮނާލްޑޯއަށް ލިބޭ ބޯޅަތަކަށް ހުރަސްއަޅައި އޭނާ ހުއްޓުވުމަކީ މުޅި ޓީމުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެއް ކަމަށެވެ.
"އަހަރެމެންނަށް އެނގޭ މިރޭ މި ނުކުންނަނީ ދުނިޔޭގެ ފުޓުބޯޅައިގައި ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖާ. އެހެން ނަމަވެސް ކުޅޭނީ މޮޅުވަން. ޓީމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރޮނާލްޑޯ. އޭނާ ހުއްޓުވަން ޖެހޭނެ. އެކަން ކާމިޔާބު ކުރާނަން،" ކަނަވާރޯ ބުންޏެވެ.
މި މެޗަކީ ދެވަނަ ބުރަށް ދަތުރުކުރުމަށް ދެ ޓީމަށްވެސް އިންތިހާއަށް މުހިންމު މެޗެކެވެ. އެހެންކަމުން މިރޭގެ މެޗުގެ ފޯރި ވަރަށް ގަދަވާނެ ކަމަށް ބެލެވެއެވެ. ދެ ޓީމުގައިވެސް އަނިޔާގެ އެއްވެސް މައްސަލައެއް ނެތްއިރު، ހުރިހާ ކުޅުންތެރިންވެސް ތިބީ ފިޓްކޮށެވެ.
އުޒްބެކިސްތާނާއި ޕޯޗުގަލް ބައްދަލުކުރާ މި ފޯރިގަދަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭ ގަޑިން 10:00 ޖަހާއިރުއެވެ.
Ads by MACL
