ރައީސްގެ 5 މިލިއަން ގަހުގެ ވަޢުދަށް 10 ރަށެއްގައި ނާސަރީ ހަދަން ފައިސާ ހަވާލުކޮށްފި
ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ބޮޑު މަޝްރޫއަށް ބޭނުންވާ ގަސްތައް ހެއްދުމަށްޓަކައި ރާއްޖޭގެ 10 ރަށެއްގައި ނާސަރީ ބިނާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން މިއަދު ކައުންސިލްތަކާ ހަވާލުކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ގްރާންޓް ދޫކުރުމުގެ އެއްބަސްވުންތަކުގައި މިނިސްޓަރު އަލީ ޝަރީފް ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއެކު ސޮއިކުރައްވާފައެވެ.
މި މަޝްރޫއުގެ ދަށުން ހޮވާލެވުނު ކޮންމެ ރަށަކަށް ފަސް ލައްކަ ރުފިޔާގެ ގްރާންޓެއް ދޫކޮށްފައިވާއިރު، މި ފައިސާ ބޭނުންކޮށްގެން ކުރިއަށް އޮތް ހަތް މަސްދުވަހުގެ ތެރޭގައި ނާސަރީތަކުގެ މަސައްކަތް އެއްކޮށް ނިންމަންޖެހެއެވެ. މި އެހީ ލިބުނު ރަށްތަކުގެ ތެރޭގައި ހއ. ކެލާ، ށ. މިލަންދޫ، ނ. ކެނދިކުޅުދޫ، ރ. އިންނަމާދޫ، ބ. މާޅޮސް، އއ. މަތިވެރި، މ. މުލި، ތ. ކިނބިދޫ، ގދ. ތިނަދޫ ސިޓީގެ އިތުރުން ގއ. ދާންދޫ ހިމެނެއެވެ.
އެންވައިރަންމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ނާސަރީތައް އެޅުމަށް ރަށްތައް ކަނޑައެޅުމުގައި ބަލާފައިވަނީ މަދުވެގެން 5،000 އަކަފޫޓުގެ ބިން ހުރި އަދި އެރަށެއްގެ ލޭންޑް ޔޫސް ޕްލޭންގައި އެކަމަށް ބިން ހާއްސަކޮށްފައިވާ ރަށްތަކަށެވެ. މި ތަންތަނުގައި ހައްދާ ގަސްތައް އެ ރަށްރަށުގެ އިތުރުން ކައިރި ސަރަހައްދުތަކުގައި ފެހިކަން އިތުރުކުރުމަށް ބޭނުންކުރުމަށް ވަނީ ރޭވިފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަށްޓަވައިދެއްވި މި މަޝްރޫއުގެ ދަށުން މިހާތަނަށް 1.6 މިލިއަން ގަސް އިންދިފައިވާ ކަމަށެވެ. އަދި މިއަހަރުގެ އަމާޒަކީ އެއް މިލިއަން ގަސް އިންދުން ކަމަށާއި، މިހާތަނަށް އޭގެ ތެރެއިން ހަ ލައްކަ ގަސް އިންދާ ނިމިފައިވާތީ، އަހަރު ނިމުމުގެ ކުރިން އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
Ads by MACL
