ބީއެމްއެލްގެ އެހީގައި އިތުރު ބަޔަކަށް ފުރޮޅުލީ ގޮނޑި ހަދިޔާކޮށްފި
ޖިސްމާނީ ގޮތުން ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމުގެ ދަށުން، މުޖުތަމައުގެ ތެރެއިން އެހީތެރިކަމަށް ބޭނުންވެފައިވާ އިތުރު 30 ފަރާތަކަށް ފުރޮޅުލީ ގޮނޑި (ވީލްޗެއާ) ހަދިޔާކޮށްފިއެވެ.
ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ މި ހަރަކާތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އަމިއްލަ މިނިވަންކަމާއެކު މުޖުތަމައުގައި އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ މަޝްރޫއެކެވެ.
މި ފަހަރު ބޭންކުން ހަދިޔާކުރި ވީލްޗެއާތަކުގެ ތެރޭގައި އެކި މީހުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ތަފާތު ބާވަތްތަކުގެ ގޮނޑިތައް ހިމެނޭއިރު، އޭގެ ތެރޭގައި އަމިއްލައަށް ދުއްވޭ މޮޓޮރައިޒްޑް ވީލްޗެއާ ވެސް ހިމެނެއެވެ. މީގެ އިތުރުން، އަމިއްލައަށް ހިނގާބިނގާވެ އުޅުމުގައި އާއިލާ ނުވަތަ އެހީތެރިންގެ އެއްބާރުލުން ބޭނުންވާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މެނުއަލް ވީލްޗެއާތައް ވެސް ބޭންކުން ވަނީ ފޯރުކޮށްދީފައެވެ.
މިއީ 2017 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން މެދުކެނޑުމެއްނެތި ކުރިއަށްގެންދާ ދިގު މުއްދަތުގެ ޕްރޮގްރާމެއް ކަމަށްވާއިރު، މި މަޝްރޫއުގެ ދަށުން މިހާތަނަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 105 އަށްވުރެ ގިނަ ރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާތަނަށް 360 އަށްވުރެ ގިނަ ވީލްޗެއާ ވަނީ ހަދިޔާކުރެވިފައެވެ.
Ads by MACL
