ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގައި ގާއިމުކުރާ ބޮޑުކަންނެލި ފެކްޓްރީގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ

ހުޅުމާލޭގައި ގާއިމުކުރާ ބޮޑުކަންނެލި ފެކްޓްރީގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ

ހުޅުމާލޭގައި 100 ޓަނުގެ ބޮޑުކަންނެލި ޕްރޮސެސްކުރާ ފެކްޓްރީއެއް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އަންނަ ހަފުތާގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަހުމަދު ޝިޔާމް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި، ބޮޑުކަންނެލީގެ މަސްވެރިކަމަށް ހާއްސަކޮށްގެން ހުޅުމާލެއިން ކަނޑައަޅާފައިވާ 25،000 އަކަފޫޓުގެ ބިމުގައި ގާއިމުކުރާ މި މަޝްރޫއަށް އިކޮނޮމިކް ކައުންސިލުގެ ހުއްދަ މިހާރު ވަނީ ލިބިފައެވެ. މި ފެކްޓްރީއަކީ މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ ބާނާ މަސް ޕްރޮސެސްކޮށް ބަންދުކުރާނެ އެކަށީގެންވާ ނިޒާމެއް ނެތުން ކަމަށް ސަރުކާރުން ފާހަގަކުރެއެވެ. އެހެންކަމުން، އަލަށް ބިނާކުރާ މި ފެކްޓްރީގެ ސަބަބުން މަސްވެރިންނަށް ބައިނަލްއަގުވާމީ މާކެޓްތަކުން ފުރުސަތުތައް ފަހިވެ، ބާނާ މަހަށް ރަނގަޅު ނަފާއެއް ހޯދުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

ބޮޑުކަންނެލީގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް، މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން، ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވަނީ، މީގެ ކުރިން މިފްކޯއިން ބޮޑުކަންނެލި ގަތުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ކުންފުނި އަލުން މި ވިޔަފާރީގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން ކޫއްޑޫއިން ބޮޑުކަންނެލި ގަތުން ހުއްޓާލުމާ ގުޅިގެން މަސްވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިފްކޯއިން ވަނީ އަލުން ބޮޑުކަންނެލި ގަންނަން ފަށާފައެވެ. މިހާރު އެ ކުންފުންޏަށް ބޮޑުކަންނެލި ކިލޯއެއް ގަންނަމުންދަނީ 25 ރުފިޔާއާ ހަމައަށްވާ އަގުތަކެއްގައެވެ.