ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފްރެންޗް ބީގެ ދަތުރުތައް ރާއްޖެއަށް ފަށަނީ؛ ޓިކެޓް ވިއްކަން ހުޅުވާލައިފި

ފްރެންޗް ބީގެ ދަތުރުތައް ރާއްޖެއަށް ފަށަނީ؛ ޓިކެޓް ވިއްކަން ހުޅުވާލައިފި

މި އަހަރުގެ ފިނިމޫސުމާ ދިމާކޮށް ފްރާންސްގެ ބަޖެޓް އެއާލައިން، ފްރެންޗް ބީ އިން ރާއްޖެއަށާއި އަވަށްޓެރި ސްރީލަންކާއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައި، ޓިކެޓް ބުކް ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އެ އެއާލައިނުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ފްރެންޗް ބީގެ ސީއީއޯ މާކް-އެންޓޮނީ ވިދާޅުވީ، ރާއްޖެއާއި ލަންކާއަށް އަލަށް ފަށާ މި ދަތުރުތަކުގެ ސަބަބުން އެއާލައިނުގެ ނެޓްވޯކް އިތުރަށް ފުޅާވެ، އާ މަންޒިލްތަކަށް ހިދުމަތް ދިނުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ދަތުރުތަކަކީ، ރާއްޖެއާއި ލަންކާގެ ރީތިކަން އެއްދަތުރަކުން ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އެއާލައިނުން ސިފަކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފްރާންސަކީ ރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަށް ވާއިރު، މި އަހަރުގެ މިހާތަނަށް އެ ގައުމުން 29,000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އެހެންކަމުން، މި އާ އެއާލައިނުގެ ދަތުރުތަކާއެކު ފްރާންސުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރަށް މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.