ވޯލްޑް ކަޕް 2026: ކެނެޑާ ބަލިކޮށް ސްވިޒަލެންޑް ގްރޫޕުގެ އެއްވަނަ ހޯދައި ދެވަނަބުރަށް
ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެނެޑާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައި، ސްވިޒަލެންޑުން ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ކެނެޑާގެ ބީސީ ޕްލޭސް ވެންކޫވާގައި ކުޅުނު މި މެޗުން ބަލިވި ނަމަވެސް، ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކެނެޑާއަށް ވެސް ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ލިބިފައެވެ. މިއީ ކެނެޑާގެ ފުޓުބޯޅަ ތާރީޚުގައި ވޯލްޑް ކަޕެއްގެ ދެވަނަ ބުރަށް އެ ގައުމު ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، ސްވިޒަލެންޑުން ލީޑު ނެގީ ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޮހާން މަންޒަމްބީ ތަނަވަސްކޮށްދިން ފުރުސަތަކުން ރުބެން ވާގަސް އެވެ. އޭގެ ދިހަ މިނެޓު ފަހުން، ބްރީލް އެމްބޯލޯ ދިން ބޯޅައަކުން މަންޒަމްބީ ވަނީ ސްވިޒަލެންޑުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ކެނެޑާގެ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޕްރޮސް ޑޭވިޑެވެ.
ސްވިޒަލެންޑަކީ ފީފާގެ ބާނީންގެ ތެރޭގައި ހިމެނޭ، ފުޓުބޯޅައިގެ ދިގު ތާރީޚެއް އޮތް ގައުމެކެވެ. އެގައުމުން މިހާތަނަށް 12 ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވާއިރު، ތިން ފަހަރެއްގެ މަތިން ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވެއެވެ. މިފަހަރުގެ މުބާރާތަށް ސްވިޒަލެންޑް ކޮލިފައިވީ ވެސް ގްރޫޕް ސްޓޭޖުގެ އެއްވެސް މެޗަކުން ބަލިނުވެއެވެ. އަނެއްކޮޅުން މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއަކީ ފަހަކަށް އައިސް ފުޓުބޯޅައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ޓީމެކެވެ.
Ads by BMLގްރޫޕް ބީގެ އަނެއް މެޗުގައި ބޮސްނިއާއިން ވަނީ 3-1 އިން ގަތަރު ބަލިކޮށްފައެވެ. މި ނަތީޖާއާއެކު ސްވިޒަލެންޑަށް 7 ޕޮއިންޓް ލިބިފައިވާއިރު، ކެނެޑާ އާއި ބޮސްނިއާއަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ކެނެޑާއަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ބޮސްނިއާއަށް ދެވަނަ ބުރުގެ ޖާގައެއް ލިބުމުގެ ފުރުސަތު އޮތީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.
Ads by MACL
