ވޯލްޑް ކަޕް 2026: ނޭމާގެ ފުރަތަމަ ފެނިލުމާއެކު ބްރެޒިލް ދެވަނަ ބުރަށް، ސްކޮޓްލެންޑަށް ނިމުމެއް
ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި މިރޭ ކުޅުނު މެޗުން ސްކޮޓްލެންޑް 3-0 އިން ބަލިކޮށް، ބްރެޒިލުން ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ބަލިވުމާއެކު، 28 އަހަރަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވި ސްކޮޓްލެންޑަށް ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ.
ބްރެޒިލުން މި މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ވަނީ ބްރެޒިލަށް ލީޑު ނަގައިދީފައެވެ. މިއީ މި މުބާރާތުގެ ކޮންމެ މެޗެއްގައި ގޯލު ޖަހައި އޭނާ ކާމިޔާބުކުރި ތިންވަނަ ގޯލެވެ. ފުރަތަމަ ހާފު ނިމެން އުޅެނިކޮށް، ކަސެމީރޯ ނަގައިދިން ބޯޅައަކުން ވިނީޝިއަސް ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައި ބްރެޒިލަށް ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފުގައި ވެސް ބްރެޒިލުން ކުޅުން ކޮންޓްރޯލް ކުރިއިރު، މެޗުގެ 60 ވަނަ މިނެޓުގައި މެތިއަސް ކޫންޏާ ވަނީ ބްރެޒިލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މި މެޗުގެ އެންމެ ހާއްސަ އެއް ކަމަކީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު، މެޗުގެ 75 ވަނަ މިނެޓުގައި ބްރެޒިލްގެ ތަރި ނޭމާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތުމެވެ. މިއީ މި މުބާރާތުގައި ނޭމާ ފެނިގެންދިޔަ ފުރަތަމަ މެޗެވެ.
Ads by BMLސްކޮޓްލެންޑުން ވެސް ވަނީ މެޗުގެ ތެރޭގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ވަކިން ހާއްސަކޮށް ސްކޮޓް މެކްޓޮމިނޭ އާއި އެންޑަސަން ފޮނުވާލި ހަމަލާތައް ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މި ބައްޔާއެކު ސްކޮޓްލެންޑަށް ޖެހުނީ ނުވަވަނަ ފަހަރަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓާށެވެ.
ގްރޫޕް ބީގެ ކުޅުން ނިމުނުއިރު، ބްރެޒިލާއި މޮރޮކޯއަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ނަމަވެސް ގޯލުގެ ތަފާތުން ބްރެޒިލަށް ގްރޫޕުގެ އެއްވަނަ ލިބޭއިރު، މޮރޮކޯ ދިޔައީ ދެވަނައަށެވެ. ސްކޮޓްލެންޑަށް ތިން ޕޮއިންޓް ލިބުނުއިރު، ހެއިޓީ މުބާރާތް ނިންމާލީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
ބްރެޒިލަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ކާމިޔާބު ގައުމެވެ. ރެކޯޑު ފަސް ފަހަރު ތަށި އުފުލާލާފައިވާ ބްރެޒިލަކީ 1930 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކުރި ހަމައެކަނި ގައުމެވެ. ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވުމާއެކު، ބްރެޒިލް މިހާރު ތައްޔާރުވަމުންދަނީ ހަވަނަ ފަހަރަށް ދުނިޔޭގެ ތަށި އުފުލާލުމުގެ އުންމީދުގައެވެ.
Ads by MACL
