ވޯލްޑް ކަޕް 2026: ފަހަތުން އަރައި ހެއިޓީ ބަލިކޮށް މޮރޮކޯ ދެވަނައިގައި އަނެއް ބުރަށް
ވޯލްޑް ކަޕް ގްރޫޕް ސީގެ ފަހު މެޗުތަކުގެ ތެރެއިން މޮރޮކޯއިން ކުޅުނު ފަހު މެޗުގައި ވަރުގަދަ ހިތްވަރެއް ކުރި ހެއިޓީ ބަލިކޮށް، ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 32 ގެ ބުރު މޮރޮކޯއިން ކަށަވަރު ކޮށްފިއެވެ. އެޓްލާންޓާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު މޮރޮކޯއިން ކާމިޔާބުކުރީ ތިން ފަހަރަށް ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން 10 ވަނަ މިނެޓުގައި ހެއިޓީން ވަނީ ލަނޑެއް ޖަހައި މޮރޮކޯ ސިއްސުވާލާފައެވެ. ޖީން-ކެވިން ޑުވޭން ނަގައިދިން ހުރަހެއް ލެނީ ޖޯސެފް ފޮނުވާލުމުން، އެ ބޯޅަ ގޯލަށް ވަނީ މޮރޮކޯގެ ކީޕަރު ޔަސީން ބޯނޫ ގައިގައި ޖެހިފައި ބައިކޮޅަށެވެ. ނަމަވެސް 39 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ވަނީ މޮރޮކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު 99 ވަނަ މެޗެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ހެއިޓީގެ ވިލްސަން އިސިޑޯ ވަނީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ދެވަނަ ފަހަރަށް އެޓީމަށް ލީޑު ނަގައިދީފައެވެ. އެކަމަކު ހާފު ނިމުމުގެ ކުރިން އިސްމާއީލް ސައިބާރީ ވަނީ މޮރޮކޯއަށް އަލުން ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެވަނަ ހާފުގައި މޮރޮކޯއިން ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދިއެވެ. މޮރޮކޯ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ސުފިޔާން ރަހީމީއެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ގެސީމޭ ޔާސީން ވަނީ މޮރޮކޯގެ ހަތަރުވަނަ ލަނޑު ޖަހައި މޮޅު ކަށަވަރުކޮށްދީފައެވެ.
މި ނަތީޖާއާއެކު މޮރޮކޯއިން ގްރޫޕް ސްޓޭޖު ނިންމާލީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕްގެ އެއްވަނަ ބްރެޒިލަށް ލިބުނު އިރު، މޮރޮކޯ ދެވަނައަށް ދިޔައީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި ސްކޮޓްލޭންޑް އޮތްއިރު، ތިން މެޗުންވެސް ބަލިވި ހެއިޓީ އޮތީ ގްރޫޕްގެ ފުލުގައެވެ.
މިދިޔަ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް ދުނިޔެ ހައިރާންކޮށްލި މޮރޮކޯއިން މިފަހަރުވެސް މިވަނީ ގަދަ 32 ގެ ބުރުން ޖާގަ ހޯދައި، މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފައެވެ.
Ads by MACL
