"ގިލަން" ކާމިޔާބީއަކާ ދިމާލަށް: 50 އަށްވުރެ ގިނަ ރަށުގައި އެޅުވުމަށް ތައްޔާރުވެ، ޓިކެޓްތައް ހަލުވިކަމާއެކު ވިކެނީ!
ދިވެހި ފިލްމީ ދާއިރާގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ 50 ވަނަ ފިލްމު "ގިލަން" މުޅި ރާއްޖޭގައި ދެއްކުމަށްޓަކައި 50 އަށް ވުރެ ގިނަ ރަށްރަށުގައި އެޅުވުމުގެ ތާރީޚްތައް ފައިނަލްކޮށްފިއެވެ. މި މަހުގެ 30 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމު އަތޮޅުތެރެއަށް ގެންގޮސްދިނުމުގެ ބޮޑު ޒިންމާ ނަގާފައިވަނީ "އައިލެންޑް ސިނެމާ" އިންނެވެ.
އައިލެންޑް ސިނަމާ އަކީ މީގެ ކުރިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި "ކަމަނާ"، "ކަނބުލޮ" އަދި "އަލްވަދާޢު" ފަދަ ފިލްމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކާއި ރާއްޖެއިން ބޭރުގައި ކާމިޔާބުކަމާއެކު ދައްކައި، ޕްރޮޑިއުސަރުންނާއި ބެލުންތެރިންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ތަޖުރިބާކާރު ޓީމެކެވެ.
ރަށްރަށުންނާއި ރިސޯޓްތަކުން ޝޯތައް ނެގުމުގެ ފުރުސަތު ހުޅުވާލައިފި
މި ފިލްމު އަމިއްލަ ރަށުގައި އާއި، ރިސޯޓް ތަކުގައި އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އައިލެންޑް ސިނަމާއިން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން 9111164 ނުވަތަ 7779621 އަށް ވައިބަރ މެދުވެރިކޮށް ގުޅައިގެން ޝޯތަކުގެ އިންތިޒާމު ހަމަޖެއްސޭނެއެވެ.
Ads by BMLޓިކެޓް އޮންލައިންކޮށް: ކިއޫގައި ޖެހުމެއް ނެތް!
"ގިލަން" ގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދޭ ގޮތުގައި، މާލޭގެ އޮލިމްޕަސް ސިނަމާގެ ކައުންޓަރުގެ އިތުރުން މިހާރު އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް ފަސޭހަކަމާއެކު ފިލްމުގެ ޓިކެޓް ބައްލަވައިގަނެވޭނެއެވެ. މިއީ ބެލުންތެރިން ކިއޫގައި ނުޖެހި އަވަހަށް ޓިކެޓް ހޯދުމަށް ފަހިކޮށްދިން ރަނގަޅު ފުރުސަތެކެވެ.
ރޫހާނީ ހާދިސާތަކާއި ތަރިންގެ ވަރުގަދަ ކާސްޓެއް
މީގެ އަހަރުތަކެއް ކުރިން މަސައްކަތް ފެށި މި ފިލްމަކީ ލިޔުންތެރިޔާ މުހައްމަދު ޤާސިމްގެ މަގުބޫލު ވާހަކައަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މިއީ އާއިލީ ސިއްރު ލޯބީގެ ގުޅުންތަކަކާއި ރޫހާނީ ބިރުވެރި ހާދިސާތަކެއް ފެނިގެންދާނެ ތަފާތު ފިލްމެކެވެ.
-
ލީޑް ތަރިން: ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތުމަތު އާޒިފާ (އަޒޫ)، އަހުމަދު ސައީދު.
-
ސަޕޯޓިންގ ކާސްޓް: އައިމިނަތު ނޫރާ، ދަރާ މުހައްމަދު ރަޝީދު، މަރިޔަމް ޝަކީލާ.
އަމްޖޭގެ 50 ވަނަ ޑައިރެކްޝަނަށް ވުމާއެކު، މިއީ ދިވެހި ފިލްމީ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދާނެ އަދި މުޅި ރާއްޖެ ސިއްސުވާލާނެ ފަދަ ފުރިހަމަ އުފެއްދުމަކަށް ވާނެ ކަމަށް ބެލެވެއެވެ.
Ads by MACL
