ހޯރަފުއްޓަށް ހިޖުރަކުރަން ބޭނުންވާ ހިރިމަރަދޫ ރައްޔިތުންނަށް ފުރުސަތު ހުޅުވާލައިފި
ހދ. ހިރިމަރަދޫގެ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އާއިލާތަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު، އެ ރަށް ބެލެހެއްޓުމާ މިހާރު ހަވާލުވެފައިވާ ހަނިމާދޫ ކައުންސިލުން ރަސްމީކޮށް އިއްޔެ ހުޅުވާލައިފިއެވެ.
މި ފުރުސަތަކީ ހޯރަފުށީ ކައުންސިލްގެ އާންމު ޖަލްސާއަކުން ނިންމައި، އެ ރަށަށް ދިރިއުޅުން ބަދަލުކުރުމަށް ހިރިމަރަދޫ ރައްޔިތުންނަށް ދީފައިވާ ހާއްސަ ދައުވަތަކާ ގުޅިގެން ހުޅުވާލެވުނު ފުރުސަތެކެވެ.
މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ހޯރަފުށީ ކައުންސިލުން ދިން މި ދައުވަތާ ގުޅިގެން، އެ ރަށަށް ހިޖުރަކުރަން ޝައުގުވެރިވާ މީހުންނަށް އިއްޔެއިން ފެށިގެން 30 ދުވަހުގެ މުއްދަތެއް ނަން ނޯޓުކުރުމަށް ވަނީ ދީފައެވެ.
މިކަމަށް އެދޭ ފަރާތްތަކަށް ހަނިމާދޫ އަވަށު އޮފީހަށް (ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ) ނުވަތަ ހަނިމާދޫ ކައުންސިލް އިދާރާއަށް ހާޒިރުވެގެން ނަން ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ކައުންސިލްގެ ރަސްމީ އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނުން ގުޅައިގެން ވެސް ނަން ނޯޓުކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ހޯރަފުށީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ހިރިމަރަދޫ މީހުންނަށް އެ ރަށުން ގޯތި ދިނުމަށް ނިންމާފައިވަނީ ކުރީގެ ކައުންސިލް ދައުރުގައި ކަމަށްވީ ނަމަވެސް، މިހާރުގެ އާ ކައުންސިލުން ވެސް އެ ރަށަށް ބަދަލުވާން ބޭނުންވާ ރައްޔިތުންގެ އަދަދަށް ބަލައި ފުރިހަމަ އެއްބާރުލުން ދޭނެއެވެ.
ހދ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށުގެ ގޮތުގައި ފާހަގަކުރެވޭ ހިރިމަރަދޫގައި އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން ދިރިއުޅެނީ 293 މީހުންނެވެ. އާބާދީ ކުޑަވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ކުރިން ނިންމަވާފައިވާއިރު، މިދިޔަ މޭ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިރިމަރަދޫއަކީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އެ ރަށް ހަނިމާދޫ ކައުންސިލްގެ އިހުތިސާސްގެ ދަށަށް ބަދަލުކުރައްވާފައެވެ. ނަމަވެސް އެ ރަށުގައި ރައްޔިތުން ދިރިއުޅެމުންދާހާ ހިނދަކު އަސާސީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.
Ads by MACL
