ބާޖަކުން ޖެހި ގެއްލުންވި ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށަނީ
މިދިޔަ މެއި މަހުގެ ތެރޭގައި ހުޅުމާލޭ ފަޅުތެރެއަށް ވަން ބާޖަކުން ޖެހި، ބޮޑެތި ގެއްލުންތަކެއް ލިބުނު ހުޅުމާލޭ ފޭސް 1 ގެ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުވެއްޖެއެވެ.
އެޗްޑީސީން ބުނި ގޮތުގައި، އެ ހާދިސާ ހިނގި ވަގުތުން ފެށިގެން އާންމު ރައްޔިތުންނާއި ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި ލަކުޑި ޖެޓީގެ އުތުރު ފާލަން ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އަދި މިހާތަނަށް އެޗްޑީސީން ކުރަމުންދިޔައީ ޖެޓީއަށް ލިބިފައިވާ ގެއްލުންތައް ތަފްސީލީ ގޮތެއްގައި ދެނެގަތުމުގެ މަސައްކަތްތަކެވެ.
އެ ކޯޕަރޭޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ޖެޓީ އަލުން ބޭނުންކުރެވޭ ހާލަތަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަރާމާތުގެ އަމަލީ މަސައްކަތްތައް ފެށުމަށް މިހާރު ވަނީ ހުރިހާ ތައްޔާރީތަކެއް ވެފައެވެ. މި ކުރިއަށްދާ މަސައްކަތުގެ ސަބަބުން ޖެޓީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ ދުރާލައި މައާފަށް އެދިފައެވެ.
Ads by BMLހުޅުމާލޭގައި ގާއިމްކޮށްފައިވާ މިފަދަ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ވީހާވެސް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި ލަކުޑި ޖެޓީއަކީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮންނަ ސަފާރީތަކަށް މީހުންނާއި މުދާ އެރުވުމަށާއި، އެކި ރަށްރަށުން ހުޅުމާލެއަށް އަންނަ ލޯންޗުފަހަރު ބަނދަރުކުރުމަށް ވަރަށް ބޮޑަށް ބޭނުންކުރާ މުހިންމު ސަރަހައްދެކެވެ.
Ads by MACL
