ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޭންކުތަކަށް ދޫކުރާ ޑޮލަރު މަރުކަޒީ ބޭންކުން 25 އިންސައްތަ އިތުރުކޮށްފި

ބޭންކުތަކަށް ދޫކުރާ ޑޮލަރު މަރުކަޒީ ބޭންކުން 25 އިންސައްތަ އިތުރުކޮށްފި

ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބާޒާރުގައި ބޭރު ފައިސާލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވިޔަފާރި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 25 އިންސައްތަ އިތުރުކުރަން ނިންމައިފިއެވެ.

މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކޮންމެ ހަފުތާއަކު ވެސް ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމުންދާނެ ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މި ދުވަސްވަރަކީ ފަތުރުވެރިކަމުގެ ދާއިރާއިން ގައުމަށް ވަންނަ ބޭރު ފައިސާގެ މިންވަރު މަދު ދުވަސްވަރަކަށް ވީ ނަމަވެސް، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެއެވެ. މިއީ ބޭންކިން ނިޒާމުގެ ތެރޭގައި ހުރި ބޭރު ފައިސާގެ ދަތިކަން ކުޑަކޮށް، އާންމުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި އެޅި ވަގުތީ ފިޔަވަޅެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އެމްއެމްއޭ އިން ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށާއި އާންމުންނަށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ ނިމިދިޔަ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 72 އިންސައްތަ އިތުރުވެފައެވެ. ވަކިން ހާއްސަކޮށް، ރާއްޖޭން ބޭރަށް ބޭސްފަރުވާއަށާއި ތައުލީމަށް ކުރާ ދަތުރުތަކަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ފައިސާގެ ނިސްބަތް ވަނީ 78 އިންސައްތަ މަތިވެފައެވެ.

މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ކަމަށްވާ ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށްޓަކައި މަރުކަޒީ ބޭންކުން ވިއްކި ބޭރު ފައިސާގެ އަދަދު ވެސް މިއަހަރުގެ ފުރަތަމަ ފަސް މަހު ވަނީ 30 އިންސައްތަ އިތުރުވެފައެވެ.

އެމްއެމްއޭ އިން ގަބޫލުކުރާ ގޮތުގައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މިގޮތަށް މަތިކުރުމުން، އޮފް-ސީޒަނާ ދިމާކޮށް ކުރިމަތިވާ ބޭރު ފައިސާގެ ތާށިކަން ކުޑަވެ، ކަސްޓަމަރުންނަށް ބޭންކުތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. މި ދުވަސްވަރު ޑޮލަރުގެ އާމްދަނީ ދަށްވުމަށް މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފާއިތުވި ތިން މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވުން ވެސް ސަބަބަކަށް ފާހަގަކޮށްފައިވެއެވެ.

ބޭރު ފައިސާގެ މާކެޓް ހަރުދަނާކުރުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެމްއެމްއޭ އިން ވަނީ ބޭރުފައިސާގެ ގާނޫނު ތަންފީޒުކުރުމާއި ގަވާއިދުތަކަށް ބަދަލުތައް ގެނައުން ފަދަ މުހިންމު އިސްލާހީ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ބޭރު ފައިސާ މެނޭޖްކުރުން ހަރުދަނާކޮށް، އެންމެ އިސްކަންދޭންޖެހޭ ކަންކަމަށް ފައިސާ ހޯދައިދިނުމުގައި ބޭންކުތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.