ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޯޑަރު ބެލެހެއްޓުން ޒަމާނީކުރުމަށް ޖަޕާނުން ރާއްޖެއަށް "ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް" ހަދިޔާކޮށްފި

ބޯޑަރު ބެލެހެއްޓުން ޒަމާނީކުރުމަށް ޖަޕާނުން ރާއްޖެއަށް "ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް" ހަދިޔާކޮށްފި

ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ފެންވަރަކަށް ފުޅާކުރުމަށްޓަކައި، ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް "ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް" މިއަދު ރަސްމީކޮށް ހަދިޔާކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކޯޕަރޭޓް ހޯލްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޖަޕާނު ސަރުކާރުގެ ފަރާތުން މި ސިސްޓަމް ދިވެހި ދައުލަތާ ހަވާލުކޮށްދެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އެވެ. ދިވެހި ސަރުކާރާއި މޯލްޑިވްސް އިމިގްރޭޝަނުގެ ފަރާތުން މި ސިސްޓަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އެވެ.

މި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔާޑް) އަހްމަދު ފަސީހް އާއި، ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރުގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުޙައްމަދު އަދި ޖަޕާނު ސަރުކާރުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

މި ސިސްޓަމްގެ ސަބަބުން ރާއްޖޭގެ އެއާޕޯޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ މައުލޫމާތުތައް މިއަށްވުރެ ހަލުވިކަމާއެކު ސާފުކުރެވި، ބޯޑަރު ހުރަސްކުރާ ފަރާތްތަކުގެ އައިޑެންޓިޓީ (ކާކުކަން) ކަށަވަރުކުރުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

ރާއްޖޭގެ ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް ޖަޕާނު ސަރުކާރުން ވެދެއްވި މި އަގުހުރި އެހީތެރިކަމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އެ ޤައުމަށް ޚާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، އަލަށް ތައާރަފްކުރި މި ސިސްޓަމާއެކު ބޯޑަރު މެނޭޖްމަންޓް ވަރުގަދަވެ، އެއާޕޯޓުގެ ކިއޫތަކުގައި ފަސިންޖަރުން މަޑުކުރަންޖެހޭ ވަގުތު ބޮޑުތަނުން ކުޑަވެގެންދާނެ އެވެ. އަދި މީގެ ސަބަބުން އެއާޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ހަލުވިކަމާއި ރައްކާތެރިކަން ދުނިޔޭގެ ފެންވަރަށް މަތީ ދަރަޖައަކަށް އުފުލިގެންދާނެ ކަމަށްވެސް އެ މުއައްސަސާއިން ފާހަގަކުރެ އެވެ.