ރަސްކަމުގެ ބޮޑު ގަނޑުވަރުގެ އުސްގެކޮޅުގައި ގްރެފިޓީ ކުރަހާ މައްސަލައެއް
ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުން މިހާރު ފެންނަން ހުރި ހަމައެކަނި ބިނާ ކަމަށްވާ "އުސްގެކޮޅު" ގެ ފާރުތަކަށް ގްރެފިޓީ ކުރަހައި، އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ދޭން ބަޔަކު މަސައްކަތް ކުރަމުންދާ މައްސަލައެއް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ސަމާލުކަމަށް އައުމާއެކު، އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން މިހާރު ވަނީ ފަށާފައެވެ.
މި ސަގާފީ ބިނާއަށް ގެއްލުންދިން ފަރާތްތައް ހޯދައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/12) ގެ ދަށުން އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
އުސްގެކޮޅާއި އެ ސަރަޙައްދު ތަރައްޤީ ކުރުމަށް މިނިސްޓްރީން ރާވާފައިވާ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްޓަކައި، އެ ތަނުގެ ތަޅުދަނޑިއާއި ބެލެހެއްޓުމުގެ އެންމެހައި ކަންކަން ވުޒާރާގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވީ ނަމަވެސް، ކައުންސިލުން އަދިވެސް އެތަން ޙަވާލުކޮށްފައި ނުވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
Ads by BMLއުސްގެކޮޅަކީ މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު، އައްސުލްޠާން ޙާޖީ ޢިމާދުއްދީން (6 ވަނަ) ގެ ރަސްކަމުގައި (1893-1903) ބިނާކުރައްވާފައިވާ، 100 އަށްވުރެ ގިނަ އަހަރުވެފައިވާ ތާރީޚީ ބިނާއެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބައި ކަމަށްވާއިރު، ރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރުވެސް މީގެ 74 އަހަރު ކުރިން ހުޅުވާފައިވަނީ މި އިމާރާތުގައެވެ.
އެ ދުވަސްވަރުގެ ބިނާކުރުމުގެ ފަރުމާ ވަރަށް ފުރިހަމައަށް ދައްކައިދޭ މިފަދަ އަގުހުރި އާސާރީ ތަންތަނަށް ގެއްލުން ދިނުމުގެ ސަބަބުން، ތަނުގެ ސަގާފީ އަގަށް ނޭދެވޭ އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ލިބުމުގެ ފުރުޞަތު އޮވެއެވެ.
އެހެންކަމުން، ޤާނޫނާއި ޤަވާއިދުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކަމާއެކު ހިމާޔަތްކޮށް ބެލެހެއްޓުން އެ ވުޒާރާގެ ދަށަށް ރަސްމީކޮށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
Ads by MACL
