ގއ. ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަން ޤާއިމްކުރަން އާރްޑީސީއާ ހަވާލުކޮށްފި
ގއ. ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެއް ޤާއިމްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބަންޑާރަކޮށީގައެވެ.
މި އެއްބަސްވުމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޢާޛު ޙަލީމް އެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޙަސަން ރިފާޢީ ބުޝްރީ އެވެ.
ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ، މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
Ads by BMLދިފާޢީ ވުޒާރާއިން ވިދާޅުވި ގޮތުގައި، ވިލިނގިލީގައި މި ފަޔަރ ސްޓޭޝަން ޤާއިމުކުރެވުމާއެކު، އެ ސަރަޙައްދުގައި ދިމާވާ އަލިފާނުގެ ހާދިސާތަކަށް މިހާރަށް ވުރެ ހަލުވިކަމާއެކު އިޖާބަދީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ދިފާޢީ ވުޒާރާގެ ނާއިބު ފާޠިމަތު މިޒުނާ ޢަލީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި އާރްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by MACL
