ބޯހިޔާވަހިކަމުގެ މަޝްރޫޢަށް އެއްވެސް ފަރާތަކަށް ނުފޫޒެއް ނުފޯރުވޭނެ: ރައީސް
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ ފައްޓަވާފައެވެ. ރައީސް ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން ކުރިއަށްގެންގޮސްފައިވާ މިފަދަ މަޝްރޫޢުތަކުގައި ނުފޫޒު ފޯރުވާފައި އޮތްނަމަވެސް، މި ސަރުކާރުގެ މަޝްރޫޢުތަކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެ ކަމަށެވެ.
މީގެ ކުރިން ނުފޫޒު ގަދަ ފަރާތްތަކުން ބޭނުންވާ މީހުންނަށް ގޯއްޗާއި ފްލެޓް ލިބޭ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެފަދަ ކަންކަން ނިމުމަކަށް ގެންނައުމަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. "އެވަރުގެ ބޮޑު ކަމެއްގެ ތެރޭގައި އެއްވެސް ވަރެއްގެ ނާޖާއިޒްކަމެއް ހިނގައި، އަދި އެއްވެސް ކަމެއްގައި، ވަކި ކުޑަކަމެއްގައިވެސް ހިނގައިގެން ނުވާނެކަމަށް ޤަބޫލުކުރަނީ،" ރައީސް ވިދާޅުވިއެވެ.
ވެރިފިކޭޝަން މަސައްކަތުގެ ތެރެއިން އެއްވެސް އާއިލާއަކަށް ނުވަތަ ވަކި މީހަކަށް އިސްކަންދިނުމުގެ ތަރުތީބެއް ނުގެންގުޅޭނެ ކަމަށާއި، މަސައްކަތް ކުރާ ފަރާތްތަކުންވެސް ނުފޫޒު ފޯރުވުމުގެ ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. މި ސިޔާސަތުގެ ދަށުން ފްލެޓަށް އެދި 35,900 އަށްވުރެ ގިނަ އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 22,000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ.
މިފަހަރުގެ މަޝްރޫޢުތަކަކީ ދުރާލާ ހުޅުވާލައިގެން ކުރިއަށްގެންދާ މަސައްކަތްތަކެއްކަން ފާހަގަކުރައްވައި ސަރުކާރުން ވިދާޅުވީ، މިއަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިމި، އާންމުންނަށް ވަގުތުން އެތަންތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ކުރީގެ މަޝްރޫޢުތަކުގައި ދައުރު ނިމެން ކައިރިވުމުން ބޯހިޔާވަހިކަމަށް ހުޅުވާލުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އިތުރުވެ، އަންނަ ސަރުކާރުތަކަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިވާކަން ފާހަގަކުރައްވައި، މިފަހަރު އެފަދަ ކަންކަން ތަކުރާރު ނުވާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.
Ads by MACL
