ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕުން ކެޓުމާއެކު ޝިކް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ވޯލްޑް ކަޕުން ކެޓުމާއެކު ޝިކް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
ފީފާ ވޯލްޑް ކަޕް 2026 އިން ކެޓުމާއެކު ޗެކް ރިޕަބްލިކްގެ ތަޖުރިބާކާރު ފޯވަޑް ޕެޓްރިކް ޝިކް، ގައުމީ ޓީމަށް ކުޅުން ހުއްޓާލައި ރިޓަޔާކޮށްފިއެވެ. ޗެކް ރިޕަބްލިކް މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން އެންމެ ޕޮއިންޓެއް ލިބިގެންނެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ޗެކް ރިޕަބްލިކް ކުޅުނު ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން 2-1 އިން ބަލިވިއިރު، ދެވަނަ މެޗުގައި ދެކުނު އެފްރިކާއާ ވާދަކޮށް ވީ 1-1 އިން އެއްވަރެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި މެކްސިކޯ އަތުން އެޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

ގައުމީ ޓީމުން ރިޓަޔާކުރުމާ ގުޅޭގޮތުން ވާހަކަދައްކަމުން ޝިކް ބުނީ މިއީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ. "މިއީ އެންމެ ރެޔަކުން ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން. މި ނިންމުން ނިންމަން ވިސްނާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ،" ޝިކް ބުންޏެވެ.

އުމުރުން 30 އަހަރުގެ ޝިކް ވަނީ ޗެކް ރިޕަބްލިކްގެ ގައުމީ ޓީމަށް ކުޅުނު 56 މެޗުގައި 26 ގޯލް ކާމިޔާބުކޮށްދީފައެވެ. އޭނާ އެންމެ ބޮޑަށް ވިދާލީ ޔުރޯ 2020 ގައެވެ. އެ މުބާރާތުގައި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްވަރަށް ފަސް ގޯލް ޖަހައިގެން އޭނާ ވަނީ ޓޮޕް ސްކޯރާގެ މަގާމު ހޯދާފައެވެ. ވަކިން ހާއްސަކޮށް އެ މުބާރާތުގައި ސްކޮޓްލޭންޑް ކޮޅަށް މެދު ރޮނގުމަތިން އޭނާ ޖެހި ގޯލަކީ މުބާރާތުގެ އެންމެ ރީތި ގޯލުގެ ގޮތުގައި ފާހަގަކުރެވުނު ގޯލެކެވެ.

ޝިކް އިތުރަށް ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ ފަހުރުވެރިކަމާއެކު ކަމަށާއި، ގައުމީ ޖާޒީގައި ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަކުރެވުނު ކަމަށެވެ. އަދި ޗެކްގެ ފުޓުބޯޅައިން މިފަހަކަށް އައިސް ފެނުނު ނަތީޖާތަކަކީ އެ ގައުމުގެ އަސްލު ފެންވަރު ނޫން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.