ދަރީންނަށް ހެޔޮ ތަރުބިޔަތު ނުދިނުމަކީ އަމާނާތަށް ވެވޭ ޚިޔާނާތެއް: ހުކުރު ޚުޠުބާ
"އަމާނާތްތަކަށް ރައްކާތެރިވުން" މި މަޢުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އަމާނާތަކީ ހަމައެކަނި މީހުން ރައްކާކުރަންދޭ މުދަލެއް ނޫނެވެ. އޭގެ ބަދަލުގައި، އަމާނާތުގެ މާނަ މާ ތަނަވަސްވެގެންވާ ކަމަށާއި، އޭގެ ތެރޭގައި اللهގެ ޙައްޤުތަކާއި މީސްތަކުންގެ ޙައްޤުތަކުގެ ތެރެއިން އިންސާނާއާ ޙަވާލުކުރެވިފައިވާ ހުރިހައި ކަމެއް ހިމެނޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި އިންސާނާގެ ގުނަވަންތަކަކީ ވެސް އަމާނާތެކެވެ. "ލޮލަކީ އަމާނާތެއް. އެއިން ޙަރާމް ތަންތަނަށް ނުބަލާށެވެ! ކަންފަތަކީ އަމާނާތެކެވެ. އެއިން ޙަރާމް އަޑުތައް ނާހާށެވެ! ދުލަކީ އަމާނާތެއް. އެއިން މީހުންގެ އަބުރުކަތިލައި، ޣީބަބުނެ، ނެތިމޮށި ނުއުޅޭށެވެ!" މިފަދައިން ޚުޠުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ.
އަމާނާތަށް ރައްކާތެރިވުމަކީ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ކަމުގައިވާ ފިރުދައުސުގެ ވާރުތަވެރިންގެ ސިފައެއް ކަމަށާއި، މުއުމިނެއްގެ އީމާންކަން ފުރިހަމަވާނީ އަމާނާތްތެރިއަކަށް ވެގެން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އަމާނާތަށް ޚިޔާނާތްތެރިވުމަކީ މުނާފިޤުންގެ ޢަލާމާތެއް ކަމުގައި މާތް ނަބިއްޔާ ﷺ އަންގަވާފައިވާކަން ވެސް ހަނދާންކޮށްދެއްވިއެވެ.
ޚުޠުބާގައި އެންމެ ބޮޑަށް ބާރުއެޅުއްވި އެއް ކަމަކީ ދައުލަތާއި ރައްޔިތުންގެ މުދަލަށް ރައްކާތެރިވުމެވެ. މީހެއްގެ އަމިއްލަ މުދަލަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ ބޮޑުވަނީ އެއީ މުޅި މުޖުތަމަޢުގެ ޙައްޤަކަށް ވާތީ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އަދާކުރާ ވަޒީފާއާއި ވަގުތަކީ ވެސް އަމާނާތެއް ކަމަށާއި، މަސްއޫލިއްޔަތު އަދާނުކުރުމަކީ ވެސް ޚިޔާނާތެއް ކަމުގައި ބަޔާންކުރެއްވިއެވެ.
ނިންމާލަމުން ޚުޠުބާގައި ވިދާޅުވީ، ޤުދުރަތީ ވެށްޓާއި ތިމާވެއްޓަކީ ވެސް އަންނާން އޮތް ޖީލުތަކަށްޓަކައި الله ޙަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށެވެ. އެހެންކަމުން ތިމާވެއްޓަށް ގެއްލުން ނުދީ، އިސްރާފުނުކޮށް ހެޔޮ ގޮތުގައި ބޭނުންކުރުމަށް ހުރިހާ ރައްޔިތުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
Ads by MACL
