ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފީފާގެ ގަވާއިދާ ޚިލާފުވުމުން ނޭޕާލް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކެއް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފި

ފީފާގެ ރައީސް އިންފަންޓީނިއޯ ---
ފީފާގެ ރައީސް އިންފަންޓީނިއޯ ---

ބައިނަލްއަޤްވާމީ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަން (އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން - އެންފާ) ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފިއެވެ.

ޒިއުރިކުން ނެރުނު ބަޔާނެއްގައި ފީފާއިން ހާމަކޮށްފައިވާ ގޮތުގައި މި ފިޔަވަޅު އަޅަން ޖެހުނީ ނޭޕާލްގެ ނޭޝަނަލް ސްޕޯޓްސް ކައުންސިލުން އެންފާގެ ހިންގުމުގެ ތެރެއަށް ތިންވަނަ ފަރާތެއްގެ ގޮތުގައި ވަދެ، ނުފޫޒު ފޯރުވަމުންދާތީއެވެ. މިއީ ފީފާގެ ސްޓެޓިއުޓްސްގެ 14 ވަނަ މާއްދާގެ 1(i) އާއި 3 ވަނަ ނަންބަރާ ސާފުކޮށް ޚިލާފު އަމަލެކެވެ.

މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި ސަސްޕެންޝަނާ އެކު، އެންފާއަށް ލިބިފައިވާ ފީފާގެ މެމްބަރުޝިޕްގެ ހުރިހާ ޙައްޤުތަކެއް ވަނީ ގެއްލިފައެވެ.

މީގެ އިތުރުން ނޭޕާލްގެ ޤައުމީ ފުޓްބޯޅަ ޓީމާއި އެ ޤައުމުގެ ކްލަބްތަކަށް ބައިނަލްއަޤްވާމީ އެއްވެސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ބަންދުވުމުގެ އިތުރަށް، ފީފާ އާއި އޭއެފްސީން ދެމުންދާ ފައިސާގެ އެހީތަކާއި، ތަރައްޤީގެ ޕްރޮގްރާމްތަކުގެ އިތުރުން ކޯސްތަކާއި ތަމްރީނުތައް ވެސް ވަނީ މެދުކަނޑާލާފައެވެ. އަދި އެހެން އެއްވެސް ޤައުމަކުން ނުވަތަ ފެޑެރޭޝަކުން ނޭޕާލްއާ އެކު ކުޅިވަރުގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ވެސް ފީފާއިން ވަނީ އަންގާފައެވެ.

ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން މީގެ ކުރިން ވެސް އެންފާ ސަސްޕެންޑްކޮށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެ ނިންމުން އަނބުރާ ގެންގޮސްފައިވެއެވެ. ނަމަވެސް، ފީފާ އާއި އޭއެފްސީން ތަކުރާރުކޮށް ދެމުންދިޔަ އިންޒާރުތަކަށް ބެލުމެއް ނެތް ގޮތަށް، އެ ޤައުމުގެ ފުޓްބޯޅައިގެ ތެރެއަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވުން ދެމިއޮތުމުން ފީފާގެ ކައުންސިލް ބިއުރޯއިން މި ހަރުކަށި ފިޔަވަޅު އެޅީއެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ފީފާ ކޮންގްރެސްގެ ކުރިން ކޮންމެ ވަގުތެއްގައި ވެސް މި ސަސްޕެންޝަން އުވާލުމުގެ ބާރު ފީފާގެ ކައުންސިލް ބިއުރޯއަށް ލިބިގެންވެއެވެ.

ފީފާގެ ރޭންކިންގެ 117 ވަނައިގައި މިހާރު އޮތް ނޭޕާލަކީ ބޮޑު މުބާރާތަކަށް ކޮލިފައިވެފައި ނުވި ނަމަވެސް، 2016 ވަނަ އަހަރުގެ އޭއެފްސީ ސޮލިޑާރިޓީ ކަޕް ކާމިޔާބުކޮށްފައިވާ ޤައުމެކެވެ.

އެ ޤައުމުގެ ފުޓްބޯޅަ ތާރީޚުގައި އެންމެ މަތީ ރޭންކެއްގެ ގޮތުގައި 124 ވަނަ ހޯދާފައިވަނީ 1993 އާއި 1994 އާ ދެމެދުގައެވެ. އަދި އެންމެ ދަށް ރޭންކެއްގެ ގޮތުގައި 196 ވަނައަށް ވެއްޓުނީ 2016 ޖަނަވަރީގައެވެ.

ނޭޕާލް ޤައުމީ ޓީމުން އެންމެ ފަހުން ކުޅެފައިވަނީ މިދިޔަ މާރިޗު މަހު އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ލާއޯސް އަތުން 1-0 އިން ބަލިވި މެޗެވެ.

މި ނިންމުމާ އެކު، ނޭޕާލް ވެގެން ގޮސްފައިވަނީ މިހާރު ފީފާއިން ބޭންކޮށްފައި އޮތް ދެވަނަ ޤައުމަށެވެ. މީގެ ކުރިން ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ފީފާ އާއި ޔޫއެފާއިން ވަނީ ރަޝިޔާ ވެސް ބޭންކޮށްފައެވެ.

މީގެ ކުރިން ވެސް ތިންވަނަ ފަރާތްތަކުގެ ނުފޫޒާ ހުރެ ޕާކިސްތާން، އިންޑޮނޭޝިއާ، ރިޕަބްލިކް އޮފް ކޮންގޯ އަދި ނައިޖީރިއާ ފަދަ ޤައުމުތައް ފީފާއިން ބޭންކުރިއެވެ. ނަމަވެސް މިދިޔަ އަހަރު ބޭންކުރި ޕާކިސްތާނާއި ކޮންގޯއިން ފީފާގެ ޝަރުޠުތައް ފުރިހަމަކުރުމުން އެ ޤައުމުތަކުގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.