ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ޤަވާއިދެއް

ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ޤަވާއިދެއް

ދިވެހިރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާ ގުޅޭ ޤަވާއިދު އެކުލަވާލައި، މިއަދު ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށްފިއެވެ. މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ޤަވާއިދަކީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ތަންފީޒު ކުރާނެ ޤަވާއިދެކެވެ.

މި ޤަވާއިދަކީ ޤާނޫނު ނަމްބަރު 9/2021، ކްލައިމެޓް އިމަރޖެންސީ ޤާނޫނުގެ 22 ވަނަ މާއްދާއަށް ރިއާތްކޮށް، އެ ޤާނޫނުގެ 25 ވަނަ މާއްދާގެ 'ހ' އިން ބާރުލިބިގެން އެކުލަވާލާފައިވާ ޤަވާއިދެކެވެ. މި ޤަވާއިދުގެ މައިގަނޑު ބޭނުމަކީ ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މިންކޮށް، ދަފުތަރުކޮށް އަދި ވިހަ ގޭހުގެ މިންވަރު ކަށަވަރު ކުރުމާ ގުޅޭ އިދާރީ އިންތިޒާމުތަކާއި އިޖުރާއަތުތައް ބަޔާންކުރުމެވެ.

މި ޤަވާއިދުގެ ދަށުން ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މިންކޮށް ބެލެހެއްޓުމާއި، ދަތުރުފަތުރުކުރުމާއި އަދި ވިހަ ގޭހުގެ މިންވަރު ކަށަވަރު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދާނެއެވެ. އަދި އެއް އިދާރާއިން އަނެއް އިދާރާއަށް އެ މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ކުރާނެ އެކި މަރުހަލާތައް ބަޔާންކުރުމާއި، އެ މަސައްކަތް ބައްޓަން ކުރާނެ ގޮތް ހާމަކުރުމަކީވެސް މި ޤަވާއިދުގެ މަޤްސަދެކެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ހުށަހަޅަން ޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމަށް ބޭނުންވާ ރާއްޖޭގެ ވިހަ ގޭހުގެ ހާލަތު ދެނެގަންނަން ބޭނުންވާ މައުލޫމާތު އަދާހަމަކުރުމަށް މި ޤަވާއިދުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

މި ޤަވާއިދުގައި ބުނާގޮތުން މައުލޫމާތު އެއްކުރުމަކީ ޤަވާއިދުގެ މަސްލަހަތުވެރިން ކުރަންޖެހޭނެ މަސައްކަތެކެވެ. މީގެ ތެރޭގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ޔުޓިލިޓީ ޚިދުމަތްދޭ ތަންތަން، ކަސްޓަމްސް ސަރވިސް، ސިނާޢީ ދާއިރާާއި މެނުފެކްޗަރިން ދާއިރާގެ އެންމެހާ ފަރާތްތައް ހިމެނެއެވެ.

އަދި މީގެ އިތުރުން ރެފްރިޖަރޭޝަން ސިސްޓަމްތަކާއި އެއާ ކޮންޑިޝަން ސަރވިސްކުރާ ފަރާތްތައް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ، އެއަރޕޯޓުތައް ހިންގާ ފަރާތްތައް، ކަނޑާއި އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން ރާއްޖެއަށް ހަކަތައިގެ ބާވަތްތައް އެތެރެކުރާ، އުފައްދާ އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންވެސް މި މައުލޫމާތުތައް ފޯރުކޮށްދޭންޖެހޭނެއެވެ.