ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވީއައިއޭގެ ފަޅުތެރެ ބެލެހެއްޓުން ހަރުދަނާކުރަން ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް

ވީއައިއޭގެ ފަޅުތެރެ ބެލެހެއްޓުން ހަރުދަނާކުރަން ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ފަޅުތެރޭގައި އުޅަނދުފަހަރު ބޭއްވުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަލުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ. "ހާބަރ ޕޯޓަލް" ގެ ނަމުގައި ތައާރަފުކުރި މި ޕޯޓަލްގެ މަގުސަދަކީ އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓަރުންނާއި ކަމާބެހޭ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމެވެ.

މި ޕޯޓަލް މެދުވެރިކޮށް އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ފަޅުތެރެ ބެލެހެއްޓުމާ ގުޅޭ ކަންކަން ދެފުށް ފެންނަ، ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެއެވެ. މީގެ އިތުރުން، މި ޕޯޓަލްގެ ސަބަބުން ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓަރ ކުރުމުގައި އެމްއޭސީއެލްއަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެމްއޭސީއެލް އިން ބުނީ މި ޕޯޓަލް ބޭނުންކުރަން ފެށުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާގައި އިސްކަންދެނީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ޕޯޓަލް ބޭނުންކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ. މިގޮތުން، އުޅަނދުތަކުގެ ވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މިހާރު ވަނީ ބާއްވާފައެވެ.

މީގެ އިތުރުން، ރަޖިސްޓްރީކުރުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަޅުވެރިންނާ ސީދާ މުޢާމަލާތްކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ. މިއީ ފަޅުތެރެ ބޭނުންކުރާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެމްއޭސީއެލް އިން ފާހަގަކުރެއެވެ.

ހާބަރ ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓަރުންނަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން، ރަޖިސްޓްރީކުރުމުގެ މަރުހަލާ ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަރުހަލާ ނިމި، ޕޯޓަލް ފުރިހަމައަށް ބޭނުންކުރަން ފެށުމާއެކު، ފަޅުތެރޭގެ ޚިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ހުއްދައަށް އެދި ހުށަހަޅަންޖެހޭނެއެވެ.