ރޮނާލްޑޯގެ އުންމީދަކީ 2030ގެ ވޯލްޑް ކަޕްގައި ދަރިފުޅާއެކު ކުޅުން
ޕޯޗުގަލްގެ ފުޓްބޯޅަ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރު އިތުރަށް ކުރިއަށް ގެންދިއުމަށް ހިތްވަރު ލިބޭ އެންމެ ބޮޑު އެއް ސަބަބު އޭނާ ހާމަކޮށްފިއެވެ.
ރޮނާލްޑޯ ބުނި ގޮތުގައި އޭނާގެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއާ އަބަދުވެސް އެދެނީ 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ދެބަފައިން އެކުގައި ޕޯޗުގަލް ގައުމީ ޓީމަށް ކުޅުމަށެވެ.
"ކްރިސްޓިއާނޯ ޖޫނިއާ އަބަދުވެސް އަހަރެން ގާތު ބުނޭ ކުޅުން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް. އެއީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އަހަރެމެން ދެބަފައިންނަށް އެއް ޓީމެއްގައި ކުޅެވޭނެތީ،" މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.
މި ވާހަކައާއެކު ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ބޮޑު ޝައުގުވެރިކަމެއް އުފެދި، ރޮނާލްޑޯގެ ކެރިއަރު އިތުރު ހަތަރު އަހަރަށް ދިގުދަންމާލާނެ ކަމުގެ އުންމީދު ވަނީ އާވެފައެވެ.
ފުޓްބޯޅައިގެ ތާރީޚުގައި ބައްޕައަކާއި ދަރިއަކު ވޯލްޑް ކަޕެއްގެ އެއް މެޗެއްގައި ކުޅުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ، އަދި ފެނިއްޖެ ނަމަ ވަރަށް ތާރީޚީ ކަމަކަށް ވާނެއެވެ. ކްރިސްޓިއާނޯ ޖޫނިއާ މިހާރު އަންނަނީ ޕޯޗުގަލްގެ ޒުވާން ޓީމުތަކުގައި އުންމީދީ ކުޅުމެއް ދައްކަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާގެ ކިބައިގައި ސީނިއާ ގައުމީ ޓީމަށް ކުޅުމުގެ ހުނަރު އެބަހުއްޓެވެ.
Ads by BMLމިއީ އުންމީދީ ވާހަކައަކަށް ވީނަމަވެސް، މިކަން ހަގީގަތަކަށް ވުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ފަށާއިރު ރޮނާލްޑޯގެ އުމުރުން ވާނީ 45 އަހަރެވެ. އަދި އޭރު ކްރިސްޓިއާނޯ ޖޫނިއާގެ އުމުރަކީ 20 އަހަރެވެ. މި ހުވަފެން ހަގީގަތަކަށް ވުމަށްޓަކައި ރޮނާލްޑޯ އޭނާގެ ފިޓްނަސް 40 ގެ މެދުތެރޭގެ އަހަރުތަކާ ހަމައަށް ދަމަހައްޓަން ޖެހޭއިރު، ޖޫނިއާ ޖެހޭނީ ގައުމީ ޓީމުން ޖާގަ ހޯދާ ފެންވަރަށް ކުރިއަރާށެވެ.
2030 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ޕޯޗުގަލް، ސްޕެއިން އަދި މޮރޮކޯ ގުޅިގެން ބާއްވާ މުބާރާތެކެވެ. އަމިއްލަ ގައުމުގައި ބާއްވާ މިފަދަ ބޮޑު މުބާރާތެއްގައި ދަރިފުޅާއެކު ކުޅެ، ކެރިއަރު ނިންމާލުމަކީ ރޮނާލްޑޯއަށް ލިބޭނެ އެންމެ ފުރިހަމަ ފުރުސަތު ކަމަށް ގިނަ ބަޔަކު ދެކެއެވެ. ރޮނާލްޑޯއަކީ މިހާރުވެސް ޖެހިޖެހިގެން 6 ވޯލްޑް ކަޕްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ކުޅުންތެރިއެކެވެ.
މިވަގުތަށް މިއީ ހަމައެކަނި އުންމީދެއް ކަމުގައި ވީނަމަވެސް، ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ވަނީ އުމުރާ މެދު މީހުން ކުރާ ހީތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ. އެހެންކަމުން، މި ތާރީޚީ ވަގުތުކޮޅު ފެނުމަކީ ނުވުން ގާތް ކަމެއް ކަމަށް ބުނަން ސަޕޯޓަރުން ޖެހިލުންވެއެވެ.
Ads by MACL
