ފްރާންސް ކުޅުންތެރިންގެ ނަމޫނާ: މެޗު ޕްރެޝަރާއި ވާދަވެރިކަމުން ކާމިޔާބަށް އެދެނީ ނަމާދުން!
ދުނިޔޭގެ ފުޓުބޯޅައިގެ މަސްރަހަށް ބަލާއިރު، ފަހަކަށް އައިސް މުސްލިމް ކުޅުންތެރިންގެ ނުފޫޒާއި ދައުރު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ދުނިޔޭގެ އެންމެ ޝަރަފުވެރި ލީގުތަކާއި މުބާރާތްތަކުގައި ވިދަމުންދާ ގިނަ ތަރިންނަކީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގައި ހިފަހައްޓައިގެން ތިބި މުސްލިމުންނެވެ. މިގޮތުން ފްރާންސްގެ ގައުމީ ޓީމުގައި ހިމެނޭ މުސްލިމް ކުޅުންތެރިން ދައްކަމުންދާ ދީނީ ވަފާތެރިކަމަކީ މިއަދު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ.
ސޯޝަލް މީޑިއާގައި މިހާރު އެންމެ ބޮޑަށް ވައިރަލްވެފައިވާ އެއް މަންޒަރަކީ ފްރާންސްގެ ގައުމީ ޓީމުގެ މުސްލިމް ކުޅުންތެރިން މެޗަކަށް ނުކުތުމުގެ ކުރިން ޖަމާއަތުގައި ނަމާދުކުރާ މަންޒަރުދައްކުވައދޭ ކަމަށް ފެތުރޭ ފޮޓޯއެވެ. މި ފޮޓޯއިން ފެންނަ ގޮތުގައި، ޓީމުގެ ޗޭންޖިން ރޫމްގެ ތެރޭގައި ކުޅުންތެރިން ތިބީ މުސައްލަ މަތީގައި ނަމާދަށް ސަފު ހަދައިގެންނެވެ.
ލޮކަރުތަކުގެ މަތީގައި "FIFA World Cup 2026 – Group I – France vs Iraq" ޖަހާފައިވާ ބޯޑެއް ފެންނަން ހުރުމުން، މިއީ މެޗުގެ ކުރިން ކުރި ނަމާދެއްކަން ސާފުވެއެވެ. މި މަންޒަރަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މުބާރާތުގެ ފޯރީގެ ތެރޭގައިވެސް، އީމާންތެރިކަމަށް ދެވޭ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
ފޮޓޯއިން ފެންނަ ގޮތުގައި ކުޅުންތެރިން ނަމާދުކުރަމުންދާއިރު، އިމާމުވެ ހުރީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިޔާ އޮސްމާނޭ ޑެމްބެލޭއެވެ. އެއީ އެންމެ ފަހުން ބެލެންޑޯ އެވޯޑުވެސް ހޯދި ކުޅުންތެރިޔާއެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޑެމްބެލޭ، ދަނޑުމަތީގައި ދައްކާ ހުނަރުވެރިކަމާ އެއްވަރަށް ދީނީ ކަންކަމުގައި އިސްނެގުމަކީ ގިނަ ބައެއްގެ ތައުރީފު އޭނާއަށް އޮހެމުންދާ ސަބަބެކެވެ. މިއީ މަޝްހޫރުކަމާއި މުއްސަނދިކަމުގެ ތެރޭގައިވެސް، އަސްލު މަގު އޮޅިގެން ނުދާކަމުގެ ހެއްކެކެވެ.
ފްރާންސްގެ ގައުމީ ޓީމަކީ ތަފާތު ނަސްލުތަކާއި، ސަގާފަތްތަކާއި، އަދި ދީންތަކުގެ ކުޅުންތެރިން އެކުލެވިގެންވާ ޓީމެކެވެ. މިފަދަ މާހައުލެއްގައި މުސްލިމް ކުޅުންތެރިން އެކުވެގެން ނަމާދުކުރުމަކީ ހަމައެކަނި ދީނީ އަޅުކަމެއް ނޫނެވެ. އެއީ އެ ކުޅުންތެރިންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، އެއްބައިވަންތަކަން ރަމްޒުކޮށްދޭ ކަމެކެވެ. މެޗުގެ ޕްރެޝަރާއި ވާދަވެރިކަމުގެ ކުރިން، ހެއްދެވި ފަރާތަށް ސަޖިދަކޮށް، ހިތްހަމަޖެހުން ހޯދުމަކީ ކުޅިވަރުގެ ރޫހަށްވެސް ލިބޭ އިތުރު ދިރުމެކެވެ.
ޖުމްލަގޮތެއްގައި ބަލާއިރު، ފްރާންސްގެ ކުޅުންތެރިންގެ މި އަމަލަކީ މުޅި އިސްލާމީ އުންމަތަށް ލިބުނު ފަޚުރެކެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި، ކޮންމެ ފަދަ މަގާމެއްގައި ހުރިކަމުގައިވިޔަސް، މުސްލިމެއްގެ އެންމެ ފުރަތަމަ ވާޖިބަކީ ނަމާދުކަން މި ކުޅުންތެރިން ވަނީ ސާބިތުކޮށްދީފައެވެ.
މިއީ ޒުވާން ކުޅުންތެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ދޫކޮށްލި ވަރަށް މުހިންމު މެސެޖެކެވެ. މެޗަށްވުރެ ނަމާދު އިސްކުރުމަކީ ކާމިޔާބީގެ އަސްލު ތަޅުދަނޑިއެވެ.
Ads by MACL
