މެސީ އާއި ރޮނާލްޑޯގެ ސަބަބުން ފީފާގެ އާމްދަނީ 3 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފި
މިއަހަރުގެ ވޯލްޑް ކަޕުން ލިބޭނެ ކަމަށް ފީފާއިން އަމާޒު ހިފި 3 ބިލިއަން ޑޮލަރުގެ އާމްދަނީއަށްވުރެ އިތުރަށް ފައިސާ ލިބޭނެ ކަމަށް މިހާރު ބެލެވިފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ފީފާ އާއި ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ މިއީ މައިގަނޑު ގޮތެއްގައި ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ މެޗުތަކަށް އޮތް ބޮޑު ޑިމާންޑާއި، ޓިކެޓްގެ އަގުތައް އިންތިހާއަށް އުފުލުމުގެ ސަބަބުން އިތުރުވާ އާމްދަނީއެވެ.
ފީފާއިން ގެންގުޅޭ ޑައިނަމިކް ޕްރައިސިންގް އާއި ރީސޭލް ޕްލެޓްފޯމްތަކުގެ ސަބަބުން ޓިކެޓްގެ އަގުތައް ވަނީ އާދަޔާ ހިލާފަށް ބޮޑުވެފައެވެ. ޕޯޗުގަލް އާއި ކޮލަމްބިއާ ބައްދަލުކުރާ މެޗުގެ ޓިކެޓެއްގެ އެންމެ ކުޑަ އަގަކީ 3,392 ޑޮލަރެވެ. މިއީ މިހާތަނަށް މުބާރާތުގެ އެންމެ އަގުބޮޑު މެޗެވެ. އަދި މެސީ ކުޅޭ އާޖެންޓީނާގެ މެޗެއް ބަލާލުމަށް މަދުވެގެން 2,949 ޑޮލަރު ހޭދަކުރަން ޖެހެއެވެ.
Ads by BMLޔުނިވަރސިޓީ އޮފް ލިވަޕޫލްގެ ފުޓްބޯޅަ ފައިނޭންސް މާހިރު ޕްރޮފެސަރ ކިއަރަން މެގުއަޔަރ ވިދާޅުވީ، ފީފާއިން މިހާރު ފެންނަނީ ކުޅިވަރުގެ ބަލަދުވެރިއެއްގެ ގޮތުގައެއް ނޫންކަމަށާއި އެކަމަކު ދުނިޔޭގައި އޮތް އެންމެ ކާމިޔާބު ޗެރިޓީގެ ގޮތުގައި ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މުބާރާތް މިހާރު އަމާޒުކުރަނީ ފުޓްބޯޅަ ސަޕޯޓަރުންނަށްވުރެ ބޮޑަށް، ސޯޝަލް މީޑިއާގައި ފޮޓޯ ޖަހަން ބޭނުންވާ މުއްސަނދިންނަށެވެ.
48 ޓީމު ހިމެނޭ ގޮތަށް ބަދަލުކުރި އާ ފޯމެޓާއެކު މެޗުތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. މީގެ އިތުރުން މޫސުމަށް ބެލުމެއް ނެތި ކުރިއަށްގެންދާ 'ހައިޑްރޭޝަން ބްރޭކް' ތަކަކީ ވެސް ވިޔަފާރީގެ ގޮތުން ފީފާއަށް ފައިދާ ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
އެމެރިކާގެ މާކެޓުގައި އެންއެފްއެލް ފަދަ ކުޅިވަރުތަކަށް ބޮޑު އަގު ދައްކަން މީހުން އާދަވެފައި ތިބުމަކީ ވެސް ޓިކެޓްގެ އަގު ބޮޑުވުމަށް މެދުވެރިވި ސަބަބެކެވެ.
މިހާތަނަށް މުޅި މުބާރާތުގެ އެވްރެޖް ޓިކެޓް އަގު ހުރީ 913 ޑޮލަރުގައެވެ. މުބާރާތުގެ ނޮކްއައުޓް ބުރުތަކަށް ދާއިރު އަގުތައް މިއަށްވުރެ ވެސް މައްޗަށް ދާނެ ކަމަށް ބެލެވެއެވެ. ފީފާގެ އަމާޒަކީ މިއަހަރުގެ މުބާރާތުން ޓިކެޓާއި ހޮސްޕިޓާލިޓީން އެކަނި 3 ބިލިއަން ޑޮލަރު ހޯދުމެވެ.
Ads by MACL
