ވޯލްޑް ކަޕް 2026: އީރާނާ އެއްވަރުކޮށް 90 އަހަރަށްފަހު މިސްރު ދެވަނަ ބުރަށް
ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި އީރާނާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުކޮށް، 90 އަހަރުގެ ދިގު އިންތިޒާރަކަށްފަހު މިސްރުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އެމެރިކާގެ ސިއޭޓަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު މިސްރަށް ވަނީ ތާރީޚީ ކުރިއެރުމެއް ލިބިފައެވެ.
މެޗު ފެށިތާ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި މިސްރުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. މުހައްމަދު ސަލާހު ފޮނުވާލި ހަމަލާއެއް އީރާންގެ ކީޕަރު އަލީރެޒާ ބެއިރަންވާންޑް އަތުން ދޫވުމާއެކު، ލިބުނު ފުރުސަތުގައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މިސްރަށް އެ ގޯލު ކާމިޔާބުކޮށްދިނީ މަހްމޫދް ސަބީރްއެވެ. ނަމަވެސް މެޗުގެ 14 ވަނަ މިނެޓުގައި އީރާނުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ރަމީން ރެޒޭޔާންއެވެ.
މެޗުގެ ކުރީކޮޅު އީރާނަށް ލީޑު ނެގުމަށް ރަން ފުރުސަތެއް ލިބުނެވެ. ނުވަވަނަ މިނެޓުގައި އީރާންގެ ކެޕްޓަން މެހްދީ ތަރޭމީއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ، މިސްރުގެ ކީޕަރު މުސްތަފާ ޝުބީރް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ނާކާމިޔާބުވި ތިންވަނަ ޕެނަލްޓީއެވެ.
މެޗުގެ 56 ވަނަ މިނެޓުގައި މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހުގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުކުރަން ޖެހުމުން އެޓީމަށް ކުޅުމުގައި އުނދަގޫތަކެއް ކުރިމަތިވިއެވެ. އޭގެ ފަހުން އީރާނުން ވަނީ މެޗުގެ ފަހު ވަގުތުކޮޅުގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ތަރޭމީ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އިތުރު ވަގުތުގައި ޝޮޖާ ހަލީލްޒާދޭ ޖެހި ގޯލު ވީއޭއާރްއިން ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
މި ނަތީޖާއާއެކު މިސްރަށް ދެވަނަ ބުރުގެ ޖާގައެއް ލިބުނު ނަމަވެސް، ގޯލުގެ ތަފާތުން ގްރޫޕުގެ އެއްވަނަ ލިބުނީ ބެލްޖިއަމްއަށެވެ. ބެލްޖިއަމް އަދި މިސްރަށް ވެސް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އީރާނަށް ތިން ޕޮއިންޓު ލިބިފައިވާއިރު، އެޓީމަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ނިއު ޒިލޭންޑް މުބާރާތުން ކެޓީ އެންމެ ޕޮއިންޓަކާއެކު ގްރޫޕުގެ ފުލުގައި އޮވެއެވެ.
Ads by MACL
