ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވަން ރައީސް މުއިއްޒު ޚާއްސަ ހަރަކާތެއް ފައްޓަވަނީ

ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވަން ރައީސް މުއިއްޒު ޚާއްސަ ހަރަކާތެއް ފައްޓަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާ ސީދާ ބައްދަލުކޮށް ޝަކުވާތަކާއި ޚިޔާލުތައް ހިއްސާކުރަން ބޭނުންވާ އާންމު ރައްޔިތުންނަށް ފުރުސަތު ހުޅުވާލުމަށްޓަކައި މުޅިން އާ ޕްރޮގްރާމެއް ފެށުމުގެ ތައްޔާރީތައް ސަރުކާރުން ވަމުން އެބަދަ އެވެ.

ރައީސް އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވި ގޮތުގައި، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހިންގާ މި ހަރަކާތް ދާދި އަވަހަށް ރަސްމީކޮށް ފެށިގެންދާނެ އެވެ.

މިފަދަ އިންތިޒާމެއް ހަމަޖައްސަވާނެ ކަން ރައީސް މުއިއްޒު އެންމެ ފުރަތަމަ ހާމަކުރެއްވީ ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑްގަ އެވެ. ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް އެކި މަރުހަލާތަކުގައި ރައީސް އާންމުންނާ ބައްދަލުކުރައްވަމުން ގެންދެވި ނަމަވެސް، އާ ޕްރޮގްރާމްގެ ސަބަބުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އަދި ހަމަހަމަކަމާ އެކު އެންމެންނަށް ފުރުސަތު ލިބިގެންދާނެ އެވެ.

މި ބައްދަލުވުންތައް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލު އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގަ އެވެ. އެގޮތުން މިކަމާ ގުޅޭ ފުރަތަމަ ދެ ލިޔުން މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި، ބައްދަލުވުންތައް ބާއްވާނެ ހަމަތަކާއި ތަފްސީލްތައް ވަރަށް އަވަހަށް އާންމުކޮށް އިއުލާންކުރާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

މިހާރު އާންމުކޮށް ރައީސާ ބައްދަލުކުރުމުގެ ފުރުސަތު ލިބެނީ ރައީސް އޮފީހަށް ސިޓީ ހުށަހަޅައިގެން ނުވަތަ އެކި ރަސްމީ ޖަލްސާތަކުގެ ތެރެއިން ކަމަށްވިޔަސް، ރާއްޖޭގެ ޖަޒީރާވަންތަ ގޮތަށް ރިއާޔަތްކޮށް އެކި ރަށްރަށުގެ ރައްޔިތުންނަށް ފަސޭހައިން ބައްދަލުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.

މީގެ އިތުރުން ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެމަނިކުފާނު އަމަލީގޮތުން ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބައްލަވަމުން ގެންދަވާ އިރު، ސީދާ ބައްދަލުނުކުރެވޭ ހާލަތްތަކުގައި ރައީސް އޮފީހުގެ ވަޒީރުންގެ ފެންވަރުގެ ބޭފުޅުން މެދުވެރިކޮށް ވެސް ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވަ އެވެ.

އަލަށް އެކުލަވާލާ އިންތިޒާމްގެ ދަށުން ކޮންމެ ހަފްތާއަކު އެއް ދުވަސް ނުވަތަ ދެ ދުވަސް، ކަނޑައެޅޭ ވަކި ހަމަތަކެއްގެ މަތިން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޚާއްސަކުރައްވާނެ އެވެ.

ރައީސް އޮފީހުން ދެކޭގޮތުގައި މިއީ ރައްޔިތުންގެ އަޑު އެއްވެސް މެދުވެރިއެއް ނެތް ގޮތެއްގައި ސީދާ ގައުމުގެ ވެރިޔާއަށް އިއްވުމަށް ހުޅުވައިލެވޭ ރަން ފުރުސަތެކެވެ.