ޒުވާން ޚަތީބުންނަކީ ދީނީ ޝިއާރު ފެތުރުމާއި ރަށްރަށުގެ ދަތިތަކަށް އޮތް ހައްލެއް: މިނިސްޓަރު ޝަހީމް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް ދަމަހައްޓާ ފެތުރުމަށްޓަކައި، ކުރިއަށް އޮތް ޖީލުތަކަށް ހަރުދަނާ ޒުވާނުންތަކެއް ބިނާކުރުމަކީ މިއަދު މަޖުބޫރު ކަމެއް ކަމަށާއި، އެހެން ނޫންނަމަ ދީނީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ބައިވެރިންނަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބަންގިގޮވުމާއި ހުކުރު ނަމާދު ފަދަ ބޮޑު އަޅުކަންތަކުގައި އިމާމުވެ އުޅުމަކީ އިސްލާމްދީނުގައި ބޮޑު ޝަރަފަކާއި މަތިވެރި މަސްއޫލިއްޔަތެއް ހަވާލުވެގެންދާ ކަމެއް ކަމަށެވެ. އެހެންކަމުން އަލަށް ދަސްވެނިވި ޚަތީބުން އަބަދުވެސް ތިބެންވާނީ ހެޔޮމަގުގައި ސާބިތުވެ ކަމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރު ޝަހީމްގެ ވާހަކަފުޅުގައި، ކިތަންމެ މޮޅު މީހަކު ކަމުގައި ވީނަމަވެސް، މިންބަރަށް އެރުމުގެ ކުރިން ޚުތުބާ ރަނގަޅަށް މުރާޖައާކޮށް ތައްޔާރުވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެއީ ހުކުރު ހުތުބާ ކިޔުމުގެ ތެރޭގައި އޮޅިގެން ކުށެއް ކިޔިދާނެތީ އެކަމުން ރައްކާތެރިވުމަށްޓަކައެވެ. މީގެ އިތުރުން ގަޑިއަށް ސަމާލުކަންދީ، އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް މި ކުދިން ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
Ads by BMLރާއްޖޭގެ ބައެއް ރަށްރަށުގައި ހުކުރުކުރާނެ އަދި އިމާމުވެ ނަމާދުކުރާނެ މީހުން ނެތުމުގެ ސަބަބުން، އެހެން ރަށްރަށުން މީހުން ގެންނަން ޖެހޭތީ އެކަމުގެ ކަންބޮވުން މިނިސްޓަރު ހިއްސާކުރެއްވިއެވެ. އެހެންކަމުން، ކުރިއަށް އޮތް ގަރުނަށް ދީނުގެ މަތިވެރިކަން ފާޅުކޮށްދޭނެ ވަރުގަދަ ޖީލެއް ބިނާނުކޮށްފިނަމަ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށާއި، މިއީ މިއަދުގެ ޖީލުގެ މައްޗަށް އޮތް ބޮޑު ވާޖިބެއް ކަމަށް ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގައި އިމާމުންގެ ދަތިކަން ހައްލުކުރުމަށް ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށްވާއިރު، މިހާތަނަށް ޖުމްލަ 503 ޒުވާނުން ވަނީ މި ދާއިރާއިން ތަމްރީނުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމްގެ ދަށުން 1,000 ޚަތީބުން ތަމްރީނުކުރުން ކަމަށްވާއިރު، އެ އަމާޒަށް ވާސިލްވުމަށް އިތުރު 497 ޚަތީބުން ބޭނުންވެއެވެ.
ދީނީ ތައުލީމުގެ މި ބިންގަލުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް ސަރުކާރު އޮތީ ތައްޔާރަށެވެ.
Ads by MACL
