ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

11 ޓީމާއިއެކު މޭރީ އިންޓަރ އޮފީސް ފައިގަތަޅާ 2026 ގއ. ވިލިނގިލީގައި ފަށައިފި

11 ޓީމާއިއެކު މޭރީ އިންޓަރ އޮފީސް ފައިގަތަޅާ 2026 ގއ. ވިލިނގިލީގައި ފަށައިފި

ގއ. ވިލިނގިލީގައި ހަރަކާތްތެރިވާ މޭރީ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ "މޭރީ އިންޓަރ އޮފީސް ފައިގަތަޅާ 2026" މުބާރާތް ޖުމްލަ 11 ޓީމަކާއެކު އެ ރަށުގައި ފަށައިފިއެވެ.

މި މުބާރާތަކީ އެ ކްލަބުން މި ސިލްސިލާގެ ދަށުން ބާއްވާ ދެވަނަ މުބާރާތެވެ.

މި މުބާރާތް ކުރިއަށް ދަނީ އަންހެން އަދި ފިރިހެން، ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. ފިރިހެން ޑިވިޝަންގައި ޖުމްލަ ހަތް ޓީމު ވާދަކުރާއިރު، އަންހެން ޑިވިޝަންގައި ހަތަރު ޓީމު ވާދަކުރެއެވެ.

ފިރިހެން ޑިވިޝަން ބަހާލެވިފައިވަނީ ދެ ގްރޫޕަކަށެވެ. އެއީ ގުރޫޕް އޭ އާއި ގުރޫޕް ބީއެވެ.

ގްރޫޕް އޭގައި ހިމެނެނީ ކައުންސިލް ބީ، އާރްޑީސީ، އެމްޓީސީސީ އަދި ކައުންސިލް އޭ އެވެ.

ގްރޫޕް ބީގައި ހިމެނެނީ ސްކޫލް، ބީއެމްއެލް އަދި ޕޮލިސް އެވެ. އަންހެން ޑިވިޝަންގައި ވާދަކުރަނީ އާރްޑީސީ، ސްކޫލް، އެމްޑީސީސީ އަދި ކައުންސިލްގެ ޓީމެވެ.

މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ގއ. ވިލިނގިލި ކައުންސިލްގެ ރައީސް ވިޝާލް މުޙައްމަދު އަދި ބީއެމްއެލް ހެޑް އޮފް ސައުތު ސެންޓްރަލް މުހައްމަދު އިސްމާޢިލް އެވެ.

މި މުބާރާތަކީ ބޭންކް އޮފް މޯލްޑިވްސް، އައިލެންޑް ސްޓޮކް ބައި ހުވަދޫ ބިލްޑާސް އަދި ވިލިނގިލި ކައުންސިލްގެ އެހީތެރިކަމާއެކު ކުރިއަށްދާ މުބާރާތެކެވެ.

މިދިޔަ 2025 ވަނަ އަހަރު ބޭއްވުނު މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޕޮލިސް ޓީމުން ހޯދާފައިވާއިރު، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ވިލިނގިލީ ކައުންސިލް ޓީމެވެ.

މޭރީ ސްޕޯޓްސް ކްލަބަކީ ވިލިނގިލީގައި އިޖުތިމާއީ އަދި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ، އަދި ކައުންސިލުން ދޭ "އެންމެ ހިންގުންތެރި ޖަމިއްޔާ" ގެ އެވޯޑުވެސް ހާސިލުކޮށްފައިވާ ހަރަކާތްތެރި ޖަމިއްޔާއެކެވެ.