ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން، އެންމެ ކުރީގައި ޗައިނާ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން، އެންމެ ކުރީގައި ޗައިނާ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.03 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކުރި މައުލޫމާތުތަކުން ހާމަވެއްޖެއެވެ. މީގެ ކުރިން ރާއްޖޭގެ މާކެޓުގެ އެއްވަނައިގައި އޮތް އިންޑިއާ މިހާރު ހަވަނައަށް ވެއްޓިފައިވާއިރު، މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ.

މިއަހަރުގެ މިހާތަނަށް ޖުމްލަ 1,036,558 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5 އިންސައްތައިގެ ދަށަށް ދިއުމެކެވެ. ނަމަވެސް، ވިޒިޓް މޯލްޑިވްސްއިން އަންނަނީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި މުހިންމު މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކޮށް، ފަތުރުވެރިން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 23 ގެ ނިޔަލަށް ހަވަނައިގައި އޮތް އިންޑިއާއިން ރާއްޖެއަށް އައީ 60,515 ފަތުރުވެރިންނެވެ. މާކެޓުގެ އެންމެ ކުރީގައި އުޅޭ ތިން ގައުމަށް ބަލާއިރު، އެއްވަނައިގައި އޮތް ޗައިނާއިން 162,305 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 144,552 ފަތުރުވެރިން އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 84,787 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ބޮޑު އިންސައްތައެއް ބޭނުންކުރަނީ ރިސޯޓްތަކެވެ. އެގޮތުން 71.8 އިންސައްތަ ނުވަތަ 727,709 ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ލޯކަލް ގެސްޓްހައުސްތަކުގައި 238,417 މީހުން، ހޮޓާތަކުގައި 24,978 މީހުން އަދި ސަފާރީތަކުގައި 21,008 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ.

މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަށްދާ ގޮތަށް ބަލާއިރު، އެވްރެޖްކޮށް ކޮންމެ ދުވަހަކުވެސް 5,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. އަދި މި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ރިސޯޓްތަކާއި ގެސްޓްހައުސްތައް ހިމެނޭހެން ޖުމްލަ 1,290 ފަތުރުވެރި މަންޒިލެއް ރާއްޖޭގައި މިވަގުތު އަންނަނީ ހިންގަމުންނެވެ.