އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށް އެމްއޭސީއެލްއިން ޤައުމީ އިދާރާތަކާއެކު ފަހުމުނާމާތަކެއްގައި ސޮއިކޮށްފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކު މިއަދު ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.
ހުޅުލޭ އައިލެންޑް ހޮޓެލްގައި "އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓް" ގެ ނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާތަކުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހާއި، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފްގެ އިތުރުން ކަމާގުޅޭ މުއައްސަސާތަކުގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، މި އެއްބަސްވުންތަކަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އެއަރޕޯޓުން ވެފައިވާ ތައްޔާރީތައް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި އޮތް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމާއި، މުޢާމަލާތުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLމި ފަހުމުނާމާތަކުގެ ދަށުން އެމްއޭސީއެލް އާއި ގުޅުންހުރި އިދާރާތަކާ ދެމެދު ރަސްމީ އޮނިގަނޑެއްގެ ތެރެއިން އެއްބާރުލުން ދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ތެރޭގައި ކޮންމެ މުއައްސަސާއެއްގެ ދައުރާއި ޒިންމާތައް ސާފުކޮށް ކަނޑައެޅުމާއި، ކުއްލި ހާލަތްތަކުގައި މުޢާމަލާތު ކުރުމުގެ މުހިންމު ޗެނަލްތައް ވަރުގަދަކުރުން ހިމެނެއެވެ.
މީގެ އިތުރުން، އެއާޕޯޓާ ގުޅުންހުރި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުންނާއި އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، އެންޑީއެމްއޭ، އެމްއެމްއެސް އަދި އެމްއާރްސީއާ ގުޅިގެން ގުޅިފައިވާ ތަމްރީނުތަކާއި، ސިމިއުލޭޝަންތަކާއި، ޑްރިލްތަކުގެ އިތުރުން ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެމްއޭސީއެލްއިން ވަނީ މި ފަހުމުނާމާގައި ސޮއި ކުރެއްވި އެންމެހާ އިދާރާތަކުން ދެއްވާ ދެމެހެއްޓެނިވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ކޮންމެފަދަ ހާލަތަކަށްވެސް ތައްޔާރުވެފައިވާ، ރައްކާތެރި އަދި ކާރިސާތަކަށް ކެތްކުރެވޭފަދަ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.
Ads by MACL
