އެފްޑީސީ ފްލެޓްތަކުގެ ރަޖިސްޓްރީ މައްސަލައިގައި ކައުންސިލާއި ހަމްދާންގެ މެދުގައި ހޫނު ބަހުސެއް، ކުރިލިބޭނީ ހަމްދާންއަށް!
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ ރަޖިސްޓްރީ ކަންތައްތަކާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ޚިދުމަތް ނުދީ ބަހަނާ ދައްކަމުންދާ ކަމަށް ބުނެ، އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް، ކައުންސިލަރު ފާތިމަތު ޒަހިއްޔާއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މި މައްސަލަ ހޫނުވީ ހުޅުމާލެ އުތުރު ދާއިރާގެ މާލެ ސިޓީ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ، އެފްޑީސީން ސިޓީ ކައުންސިލަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުވިދާޅުވުމާ ގުޅިގެންނެވެ. ޒަހިއްޔާ ތުހުމަތު ކުރެއްވި ގޮތުގައި، ފްލެޓްތަކުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މަސައްކަތް ލަސްވަނީ އެފްޑީސީން ދޭންޖެހޭ މަޢުލޫމާތުތައް ނުލިބޭތީއާއި، އެ ކޯޕަރޭޝަނަށް ފޮނުވި ސިޓީއަކަށް ޖަވާބު ނުލިބޭތީއެވެ.
ޒަހިއްޔާގެ މި ވާހަކަތަކަށް އިންކާރު ކުރައްވަމުން ހަމްދާން ޝަކީލް ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ ހުރިހާ ތަނެއްގައިވެސް ރަށްވެހިކަން ޖެއްސުމަށް ބޭނުންވަނީ އިމާރާތުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ކަމަށާއި، އެފްޑީސީގެ ފްލެޓްތަކުގެ ކުލީވެރިންނަށް ބޭނުންވާ އެފަދަ ލިޔުންތައް މިހާރު ދޫކޮށްފައިވާނެ ކަމަށެވެ.
މީގެއިތުރުން ކައުންސިލަށް އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސާފައިވާނެ ކަމަށް ހަމްދާން ފާހަގަކުރެއްވިއެވެ. އެގޮތުން ކިއުއާރް (QR) ކޯޑެއް މެދުވެރިކޮށް ލިޔުންތައް ވެރިފައި ކުރެވޭނެ އިންތިޒާމާއި، މިކަމަށް ޚާއްޞަ ފޯކަލް ޕޮއިންޓެއްވެސް ކަނޑައަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެފައި ވަނިކޮށް، ސިޓީ ކައުންސިލުން އެ މަސައްކަތް ނުކޮށް ހިފަހައްޓަނީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ކަމަށް ވިދާޅުވެ، ހަމްދާން ވަނީ ކައުންސިލުން ދައްކަނީ ހުސް ބަހަނާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
މި މައްސަލައިގައި ދެ ފަރާތުގެ ޚިޔާލު ތަފާތުވުންތައް ބޮޑުވެފައިވާއިރު، މީގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ފްލެޓްތަކުގައި ރަޖިސްޓްރީވުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެވެއެވެ.
Ads by MACL
