ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކެނެޑާއަށް އުފާވެރިކަން; ކެޕްޓަން އަލްފޮންސޯ ޑޭވިސް ފިޓުވެއްޖެ؛ ދެކުނު އެފްރިކާގަ ވެސް އަނިޔާގެ މައްސަލައެއް ނެތް

ކެނެޑާއަށް އުފާވެރިކަން; ކެޕްޓަން އަލްފޮންސޯ ޑޭވިސް ފިޓުވެއްޖެ؛ ދެކުނު އެފްރިކާގަ ވެސް އަނިޔާގެ މައްސަލައެއް ނެތް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އިން ފުރުސަތު ހޯދުމަށް މިރޭ މުބާރާތުގެ ހޮސްޓު އެއްގައުމުކަމަށްވާ ކެނެޑާ އާއި ދެކުނު އެފްރިކާ ބައްދަލުކުރާ މެޗުގެ ކުރިން، ދެ ޓީމުގެ އަނިޔާގެ މައްސަލައަށް ވަނީ ހައްލުތަކެއް ލިބިފައިއެވެ. މިރޭގެ މި މުހިންމު ނޮކްއައުޓް މެޗަށް ކުރިމަތިލާއިރު ދެ ޓީމަށް ވެސް ވަނީ އުއްމީދީ އަދި އުފާވެރި ޚަބަރުތަކެއް ލިބިފައެވެ.

ކެނެޑާ ޓީމަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމުގެ ކެޕްޓަން އަދި ބަޔާން މިއުނިކްގެ ތަރި އަލްފޮންސޯ ޑޭވިސް އަނިޔާއިން ސަލާމަތްވެ އެނބުރި އައުމެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި ހަމްސްޓްރިންގް އަނިޔާގެ ސަބަބުން ނުކުޅެވުނު ނަމަވެސް، ކޯޗު ޖެސީ މާޝް ވަނީ ޑޭވިސް މިހާރު ފިޓް ކަމަށް ކަނޑައަޅާފައެވެ. ކެނެޑާއިން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ކުޅޭ ފުރަތަމަ މެޗުގައި ޑޭވިސްގެ ތަޖުރިބާ އާއި ހަލުވި ދުވެލީގެ ބޭނުން ހިފޭނެއެވެ.

މީގެ އިތުރުން ކެނެޑާގެ ޑިފެންޑަރު މޮއިސް ބޮމްބިޓޯ ވެސް ވަނީ ފައިގެ އަނިޔާއަކުން ރަނގަޅުވެ ޓީމާ ގުޅިފައެވެ. ނަމަވެސް، ގްރޫޕް ސްޓޭޖުގައި ފައިގެ ކަށިގަނޑެއް ބިންދައިގެން ދިޔަ މިޑްފީލްޑަރު އިސްމާއިލް ކޯނޭ އަށް މުބާރާތުގެ ބާކީ ބައިގައި ނުކުޅެވޭނެއެވެ. އަދި ވައިސް ކެޕްޓަން ސްޓެފަން އެއުސްޓާކިއޯގެ ފިޓްނަސްއާ މެދު ސުވާލު އުފެދިފައިވާއިރު، ޑިފެންޑަރު އަލްފީ ޖޯންސް އަށް ވެސް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެއެވެ.

ސައުތު އެފްރިކާގެ ހާލަތަށް ބަލާއިރު، އެ ޓީމު އޮތީ މާ ވަރުގަދަ ފޯމެއްގައެވެ. ސަސްޕެންޝަނަށް ފަހު އެ ޓީމުގެ މުހިންމު މިޑްފީލްޑަރު ޓެބޯހޯ މޮކޮއީނާ އެނބުރި އައުމަކީ ކޯޗު ހޫގޯ ބްރޫސް އަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ސައުތު އެފްރިކާ ޓީމުގައި އިތުރު އަނިޔާގެ މައްސަލައެއް ނެތުމުން، އެ ޓީމުން މެޗަށް ނުކުންނާނީ ގާތްގަނޑަކަށް ފުރިހަމަ ސްކޮޑަކާއެކުގައެވެ.

މި ދެ ޓީމުގެ އަނިޔާގެ ހާލަތު ހުރި ގޮތުން މެޗުގެ ނަތީޖާއަށް ބޮޑު އަސަރެއް ކޮށްފާނެ ކަމަށް ބެލެވެއެވެ. ކެނެޑާއަށް ޑޭވިސް ފަދަ ތަރިއަކު ލިބުނު ނަމަވެސް، ކޯނޭ ނެތްތަން ފޫބެއްދުމަކީ ގޮންޖެހުމަކަށް ވާނެއެވެ. އަނެއްކޮޅުން ސައުތު އެފްރިކާގެ ހަމަޖެހިފައިވާ ސްކޮޑުގެ ބޭނުން ހިފައި، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ ބަލިކުރުމަކީ އެ ޓީމުގެ އަމާޒެވެ.

ގަދަ 16 އިން ޖާގައެއް ހޯދުމަށް ކުރާ މި މަސައްކަތުގައި، ދެ ގައުމުން ވެސް އަމާޒު ހިފާފައިވަނީ ތާރީޚީ ކާމިޔާބީއެއް ހޯދުމަށެވެ. މި މެޗަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖުގައި ފެންނާނެ އެންމެ ވާދަވެރި އެއް މެޗަށް ވާނެ ކަމަށް ބެލެވެއެވެ.