ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާގައި ގެރިމަސް ކެއްކި ތިން އަންހެނުން ހައްޔަރުކޮށްފި

އިންޑިއާގައި ގެރިމަސް ކެއްކި ތިން އަންހެނުން ހައްޔަރުކޮށްފި

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ކޯޝަމްބީގައި ގެރިމަސް ކައްކަމުންދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތިން އަންހެނަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގެ ގެއެއް ރެއިޑް ކުރުމުގެ ތެރޭގައެވެ.

ފުލުހުން ބުނި ގޮތުގައި، އާއިލާއަކުން ގެރިމަސް ގެނެސްގެން އެ ގޭގެ އަންހެނުން އެ މަސް ކައްކަމުންދާ ކަމުގެ މައުލޫމާތު ލިބުމާއެކު، އެކަން ކަށަވަރު ކުރުމަށްފަހު ފުލުހުންގެ ޓީމަކުން ވަނީ އެ ގެއަށް ގޮސްފައެވެ. ފުލުހުން ފެނުމާއެކު އެ ގޭގައި ތިބި ހަތަރު ފިރިހެނަކު ވަނީ ހަނި ގޯޅިތަކުން ދުވެ ފިލާފައެވެ. އަދި ހައްޔަރުކުރި އަންހެނުންވެސް ފިލަން މަސައްކަތް ކުރި ނަމަވެސް، އަންހެން ފުލުހުންގެ އެހީތެރިކަމާއެކު އެމީހުން ވަނީ ހިފަހައްޓާފައެވެ.

މި ރެއިޑްގައި ފުލުހުން ވަނީ ކައްކާފައި ހުރި މަސް ހުރި ތަށިތަކަކާއި، ރޯ މަސް އަޅާފައި ހުރި ކޮތަޅެއް ހޯދާފައެވެ.

"އަޅުގަނޑުމެން ވަނީ ތިން އަންހެނުން ހައްޔަރުކޮށްފައި. ސުވާލު ކުރުމުން އެމީހުން ބުނީ އެއީ އެމީހުންގެ އާއިލާގެ މީހުން ބޭރުން ގެނައި ގެރިމަސް ކަމަށް" ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބީޝެކް ސިންގް ވިދާޅުވިއެވެ.

ފުލުހުން މިހާރު ދަނީ ފިލައިގެން އުޅޭ އެ އަންހެނުންގެ ފިރިންނާއި އަދި އެ އަވަށުގެ އިތުރު ފިރިހެނަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި ފިރިހެނުންނަކީ މުމްބާއީގައި މަސައްކަތް ކުރާ ބައެއް ކަމަށާއި، އެމީހުން ކޯޝަމްބީއަށް އައީ ދާދި ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

އުމުރުން 30 އަހަރުގެ މި ތިން އަންހެނުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ސަރާއީ އަކިލް ޕޮލިސް ސްޓޭޝަނުންނެވެ. އެމީހުންގެ މައްޗަށް ހުށަހަޅާފައިވަނީ އުއްތަރަ ޕްރަދޭޝްގެ ގެރި ކަތިލުން މަނާކުރާ ގާނޫނުގެ ދަށުންނެވެ. ކޯޓަށް ހާޒިރުކުރުމުން އެމީހުން މިހާރު ވަނީ ޖުޑީޝަލް ކަސްޓަޑީއަށް ފޮނުވާފައެވެ.

ފުލުހުން އަތުލައިގަތް ތަކެތީގެ ތެރޭގައި ގާތްގަނޑަކަށް 1 ކިލޯގެ ރޯމަހާއި 1 ކިލޯގެ ކައްކާފައިވާ މަސް ހިމެނެއެވެ.

ޑެޕިއުޓީ އެސްޕީ ސިންގް ވިދާޅުވީ، "މި މަހުގެ ސާމްޕަލްތައް މިހާރު ވަނީ ފޮރެންސިކް ލެބޯޓްރީއަށް ތަހުލީލު ކުރުމަށް ފޮނުވާފައިކަމަށާއި އަދި ތަހުލީލުގެ ނަތީޖާއަށް މިހާރު އަންނަނީ އިންތިޒާރު ކުރަމުން" ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މަސް ގެނައީ ކޮން ތަނަކުންތޯ އާއި މީގެ ކުރިންވެސް މިފަދަ ކަންކަން ކޮށްފައިވޭތޯ ބަލަމުންދާ ކަމަށެވެ.