ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް އުފާވެރި ޚަބަރެއް: އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެންނަނީ

ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް އުފާވެރި ޚަބަރެއް: އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެންނަނީ

ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވާ މުވައްޒަފުންނަށް މިހާރު ދެމުންދާ ރިޓަޔަރމަންޓް އިނާޔަތްތައް މުރާޖަޢާކޮށް، އެ ފަރާތްތަކަށް ލިބޭ މަންފާތައް އިތުރުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މި ބަދަލާއެކު ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތަކަށް އުޅުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް މާލީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ރިޓަޔަރކުރާ ފުލުހުންގެ އިނާޔަތްތައް ހިސާބުކުރުމުގައި މިހާރު ގެންގުޅޭ އުސޫލުތަކާއި ލިމިޓުތަކަށް ބަދަލުތަކެއް ގެނައުމަށް މިހާރު ވަނީ ނިންމާފައެވެ. މިއީ ފުލުހުންގެ މުައްސަސާގެ ކުރިއެރުމަށާއި މުވައްޒަފުންގެ ލާބަޔަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ހަމަކޮށްފައިވާ ފަރާތްތަކަށް، ރިޓަޔާކުރުމަށްފަހުވެސް، ޚިދުމަތުގައި ދެމިތިބޭ ފުލުހުންނާ އެއް ފަދައިން ބޭސްފަރުވާގެ ޚިދުމަތް ހަމަޖެހިގެންދިއުމެވެ. މިއީ ޚިދުމަތުން ވަކިވާ ފަރާތްތަކުގެ މުސްތަޤްބަލަށް ލިބޭނެ ވަރަށް ބޮޑު އުއްމީދެއްގެ ގޮތުގައި ކޮމިޝަނަރ ސިފަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުލުހުންގެ ވެލްފެއާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، މިއީ ފުލުހުން އެދެމުންދިޔަ ފަދަ ހެޔޮ ބަދަލުތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ އިތުބާރު ހޯދޭނެ ފަދަ ގޮތަކަށް ޚިދުމަތްތައް ބައްޓަންކޮށް، މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމާއި، ވަސީލަތްތައް ތަރައްޤީކޮށް މީހުން ތަމްރީނުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.