ވޯލްޑް ކަޕް 2026: ކްރޮއޭޝިއާ މެޗަށް ޕޯޗުގަލް ޓީމަށް ބަދަލުތަކެއް؛ ރޮނާލްޑޯ ބެންޗުން ވެސް ފަށާފާނެ!
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް ޕޯޗުގަލްގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނައުމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ނިންމައިފިއެވެ. ޕޯޗުގަލް މި ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ދެ މެޗުން އެއްވަރުވެ، އެއް މެޗުން މޮޅުވެގެންނެވެ.
ރޮނާލްޑޯގެ ދައުރާ މެދު ސުވާލުތަކެއް
މި މެޗަށް ތައްޔާރުވަމުންދާއިރު، ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ހިމެނުމާ މެދު ވަނީ ސުވާލު އުފެދިފައެވެ. ކޯޗު މާޓިނޭޒް ވަނީ ކުރިއަށް އޮތް މެޗުގައި ޓީމަށް ބަދަލުތަކެއް ގެނައުމުގެ ފުރުސަތު އޮތް ކަމަށް އިޝާރާތްކޮށްފައެވެ. ނަމަވެސް އޭނާ ވަނީ ރޮނާލްޑޯގެ ފިޓްނަސްއާއި ޓީމަށް ކޮށްދޭ މަސައްކަތަށް ތައުރީފުކޮށްފައެވެ.
ރޮނާލްޑޯއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާޓިނޭޒް ބުނި ކްރިސްޓިއާނޯއަކީ ރަނގަޅު ވަގުތުގައި ރަނގަޅު މަގާމުގައި ހުރުމަށް އާދަވެފައިވާ ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ އޭނާގެ މަގާމުގައި ވަރަށް އަހުލު ހިފަހައްޓާ، އަދި އެހެން ކުޅުންތެރިންނަށް ކުޅުުމގެ ފުރުސަތު ހޯދައިދޭ ކުޅުންތެރިއެއް ކަމަށެވެ.
ކޯޗު އިތުރަށް ފާހަގަކުރި ގޮތުގައި ރޮނާލްޑޯގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް، ކޮންމެ މެޗަކަށް ޓީމު ނެގުމުގައި ބަލަނީ ލިބިފައިވާ މައުލޫމާތާއި ޑޭޓާގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރިއަށް އޮތް މެޗުގައި ބަދަލުތަކެއް ގެންނަން ޖެހިދާނެ. އެކަމަކު އަޅުގަނޑުމެން ކޮންމެ ނިންމުމެއްވެސް ބިނާކުރަނީ އަޅުގަނޑުމެންގެ އަތުގައި ހުރި މައުލޫމާތާއި ޑޭޓާގެ މައްޗަށް،" މާޓިނޭޒް ބުންޏެވެ.
މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކްރޮއޭޝިއާ މެޗުގައި ރޮނާލްޑޯ ބެންޗުން ފެނުމުގެ ފުރުސަތު ބޮޑެވެ.
Ads by MACL
