ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުލުހުންގެ ހެޑްކުއާޓަރާއި މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާ ބިލްޑިންގްތަކެއް އަޅަނީ

ފުލުހުންގެ ހެޑްކުއާޓަރާއި މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާ ބިލްޑިންގްތަކެއް އަޅަނީ

ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނާ އެއްގޮތަށް ބަދަލުކޮށް، ފަހުގެ ވަސީލަތްތަކާއެކު ފުލުހުންގެ އާ ހެޑްކުއާޓަރެއް މާލޭގައި ބިނާކުރުމަށް ބޭނުންވާ ހުރިހާ މަގުތަކެއް ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު ފުލުހުންގެ މައި އިދާރާގެ ގޮތުގައި ބޭނުންކުރަމުން އަންނަ ޝަހީދު ހުސެއިން އާދަމް ބިލްޑިންގަކީ ޖާގަ ވަރަށް ކުޑަ ތަނަކަށް ވުމުން، ޖާގައާއި ވަސީލަތްތަކުގެ ގޮތުން ތަނަވަސް، އެންމެ ފެންވަރު ރަނގަޅު މަރުކަޒެއް ގާއިމުކުރުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެ ސަރަހައްދުގައި ފުލުހުންގެ މަރުކަޒުތައް އަދިވެސް ހުރީ އެކަށީގެންވާ ވަރަށް ވުރެ މަދުން ކަމަށާއި، ނަމަވެސް އެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

މާލެ ސަރަހައްދުގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިސްކަންދަރު ކޮށީގެ ދެވަނަ އިމާރާތް ބިނާކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖާގަ ބޮޑު، އެކަށީގެންވާ ފުލުހުންގެ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދިއުމަށް ކަނޑައަޅުއްވާފައިވާ ކަން ވެސް އިއުލާނުކުރެއްވިއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތްތައް މިހާރު ވެސް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. ބައެއް ރަށްރަށުގައި އަމަލީ މަސައްކަތް ފެށިފައިވާއިރު، އަނެއް ބައެއް ރަށްތަކުގައި މަޝްރޫއު ފެށުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާ ކަމަށާއި، ދިމާވާ ދަތިތަކާއެކު ވެސް އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މި މަރުކަޒުތައް ބިނާކޮށް ނިންމުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ވިދާޅުވިއެވެ.

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި ފުލުހުންގެ މުއައްސަސާ ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުގެ ތެރެއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދެވިފައިވާ ކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތް ތަނުގައި ވެސް ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ހުއްޓުމެއްނެތް ގޮތުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ފުލުހުންގެ ތަމްރީނުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދާއިމީ ގޮތެއްގައި ފުލުހުން ތަމްރީނުކުރުމަށް ބޭނުންވާނެ އެންމެހާ ވަސީލަތްތައް ހިމެނޭ ވަރުގަދަ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި ހަމައެއާއެކު، އައްޑޫ ސިޓީގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒު ވެސް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެ ރައީސް އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވިއެވެ.