ޖަޕާނާ ދެކޮޅަށް ނޭމާ ކުޅޭނެތަ؟.. މިއޮތީ ބްރެޒިލްގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއް
ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި މިރޭ ޖަޕާނާ ދެކޮޅަށް ބްރެޒިލް ނުކުންނައިރު، އެ ޓީމުގެ ތަރި ނޭމާ ޖޫނިއާގެ އަނިޔާއާ ގުޅޭގޮތުން އުފާވެރި ޚަބަރެއް ލިބިއްޖެއެވެ.
ފައިގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ނުކުޅެ ހުރި ނޭމާ، ތިންވަނަ މެޗުގައި ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މެޗުގެ ކުރިން އާދިއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ނޭމާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި އޭނާ ހިމެނޭނެކަން ކޯޗު ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަންޗެލޮޓީ ފާހަގަކުރި ގޮތުގައި ނޭމާ ކުޅޭނެ ވަގުތު ކަނޑައެޅޭނީ މެޗުގެ ހާލަތަށް ބަލާފައެވެ.
Ads by BML"ނޭމާ އަންނަނީ ބޮޑު ކުރިއެރުމެއް ހޯދަމުން. އަހަރެން ގަބޫލުކުރާ ގޮތުގައި ފާއިތުވި ހަފުތާގައި އޭނާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ. 15 މިނެޓަށް ވުރެ ގިނަ އިރު ކުޅެވޭ ވަރަށް އޭނާ މިހާރު ހުރީ ތައްޔާރަށް، ނަމަވެސް އެކަން ބިނާވާނީ މެޗުގެ މާހައުލު އޮންނަ ގޮތެއްގެ މައްޗަށް،" ކޯޗު އަންޗެލޮޓީ ބުންޏެވެ.
ސްކޮޓްލޭންޑް އަތުން 3-0 އިން ބްރެޒިލް މޮޅުވި މެޗުގެ 75 ވަނަ މިނެޓުގައި ނޭމާ ކުޅެން އެރުމުން ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް އޭނާއަށް ލިބުނެވެ.
ޖަޕާނުގެ ކުޅުންތެރިޔާ ކެންޓޯ ޝިއޯގާއީ ބްރެޒިލްގެ ޓީމާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ރައްދު ދިނުމުގެ ބަދަލުގައި، އަންޗެލޮޓީ ބުނީ އޭނާގެ ޓީމު އޮތީ މެޗަށް ފޯކަސްކޮށްގެން ކަމަށެވެ. ޖަޕާނުން ކުރިމަތިކުރާ "މައިންޑް ގޭމްސް" ތަކުގައި ބައިވެރިވާން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން މި ތިބީ މެޗަށް ފޯކަސްކޮށްގެން. އިދިކޮޅު ޓީމުގެ ފެންވަރަށް ބަލައި، މައްސަލަތަކުން ދުރުވުމަށް އަހަރެމެން މިދަނީ ތައްޔާރުވަމުން. އެހެން މީހުން ދައްކާ ވާހަކައެއް އަހަރެން ތަކުރާރެއް ނުކުރާނަން،" ކޯޗު އިތުރަށް ބުންޏެވެ.
ޖަޕާނަކީ މިހާރު ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ހުނަރުވެރި ކުޅުންތެރިން ގިނަ ޓީމެކެވެ. މިހާރުގެ ސްކޮޑުގައި ޖަޕާނުގެ ލީގަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ތަޖުރިބާކާރު ޔޫޓޯ ނަގަޓޯމޯ އާއި ބެކަޕް ދެ ގޯލްކީޕަރުން އެކަންޏެވެ. މިއީ ފާއިތުވި 20 އަހަރު ދުވަހު އެ ގައުމުން ފުޓްބޯޅަ ކުރިއެރުވުމަށް ކުރި މަސައްކަތުގެ ނަތީޖާ ކަމަށް މާހިރުން ފާހަގަކުރެއެވެ.
Ads by MACL
