ސަމްސަންގުގެ އައު ފޯނުތަކާއި ސްމާޓް އައިނު އަންނަ މަހު ދައްކާލަނީ
ސަމްސަންގު ކުންފުނިން އުފައްދާ ފަތްޖެހޭ ފޯނުތަކުގެ އައު މޮޑެލްތަކާއި ސްމާޓް ގަޑިތަކުގެ އިތުރުން ގޫގުލްއާ ގުޅިގެން ތައްޔާރުކުރާ އެންޑްރޮއިޑް އެކްސްއާރް ސްމާޓް އައިނު ދައްކާލުމަށް ބާއްވާ ޚާއްސަ "ގެލެކްސީ އަންޕެކްޑް" އިވެންޓް އަންނަ ޖުލައި މަހުގެ 22 ގައި ލަންޑަނުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރަސްމީކޮށް މިކަން އަދި އިޢުލާން ނުކުރި ނަމަވެސް، މި ފަހަރުގެ އިވެންޓުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބޭނީ އެ ކުންފުނީގެ ފަތްޖެހޭ ފޯނުތަކުގެ އައު ޖީލަށެވެ.
މި އިވެންޓުގައި ދައްކާލާނެ ކަމަށް ބެލެވޭ ފޯނުތަކުގެ ތެރޭގައި "ގެލެކްސީ ޒެޑް ފޯލްޑް 8" ހިމެނޭއިރު، މިއީ ކުރީގެ މޮޑެލްތަކަށްވުރެ ފުޅާ، ހުޅުވާލުމުން ކުޑަ ޓެބްލެޓަކާ ވައްތަރު ފޯނަކަށް ވާނެއެވެ. މީގެ އިތުރުން މާކެޓަށް ނެރޭނެ ކަމަށް ބެލެވޭ "ގެލެކްސީ ޒެޑް ފޯލްޑް 8 އަލްޓްރާ" ގައި 200 މެގަޕިކްސެލްގެ ކެމެރާއަކާއި އަވަހަށް ޗާޖުކުރެވޭ 45 ވޮޓްގެ ޓެކްނޮލޮޖީ ހިމެނޭނެ ކަމަށް ލީކުވެފައިވާ މަޢުލޫމާތުތަކުން އެނގެއެވެ.
އަގުހެޔޮ ފަތްޖެހޭ ފޯނެއްގެ ގޮތުގައި ނެރޭ "ގެލެކްސީ ޒެޑް ފްލިޕް 8" ވެސް މި އިވެންޓުގައި ދައްކާލާނެއެވެ. މި ފޯނުގެ ބަރުދަން 180 ގްރާމަށް ލުއިކޮށް، ފޯނު ލައްޕާލާއިރު މެދުގައި އިންނަ ރޫ ފާހަގަނުވާނެ ފަދަ އައު ހިންގް ޑިޒައިނެއް ބޭނުންކޮށްފައިވާނެ ކަމަށް ބެލެވެއެވެ. އަދި މި ފޯނުގައި ބޭނުންކުރާނީ ސްނެޕްޑްރެގަން 8 އެލީޓް ޖެން 5 ޕްރޮސެސަރެވެ.
މި އިވެންޓުގައި ފޯނުތަކުގެ އިތުރުން ސަމްސަންގުގެ އައު ސްމާޓް ގަޑިތައް ކަމަށްވާ "ގެލެކްސީ ވޮޗް 9" އަދި "ވޮޗް އަލްޓްރާ 2" ވެސް ތަޢާރަފްކުރާނެއެވެ. މި ގަޑިތަކުގައި ސިއްހީ މައުލޫމާތުތައް ބަލައިލެވޭ އައު ފީޗާތަކާއި ސްނެޕްޑްރެގަން ވެއަރ އެލީޓް ޕްރޮސެސަރ ހިމެނޭނެއެވެ. ނަމަވެސް، ކުރީގެ ބައެއް ގަޑިތަކުން ފެނުނު އަނބުރާލެވޭ ބެޒެލް ހިމެނޭ "ކްލެސިކް" މޮޑެލް މިފަހަރު ނެރޭނެ ކަމަކަށް ނުބެލެވެއެވެ.
އެންމެ ގިނަ ބައެއްގެ ޝައުޤުވެރިކަން ހުރީ ސަމްސަންގާއި ގޫގުލް ގުޅިގެން އުފައްދާ "އެންޑްރޮއިޑް އެކްސްއާރް" ސްމާޓް އައިނަށެވެ. މިއީ ޖެމިނީ ވޮއިސް އެސިސްޓަންޓާއި ކެމެރާ ހިމެނޭ، އަޑު އިވޭ ގޮތަށް ތައްޔާރުކޮށްފައިވާ އައިނެކެވެ. މިއީ މެޓާގެ ރޭ-ބޭން އައިނާ ވާދަކުރުމަށް ނެރޭ އެއްޗަކަށްވާއިރު، މި އައިނުގެ އަގާއި ބާޒާރަށް ނެރޭނެ ތާރީޚެއް މި އިވެންޓުގައި ހާމަކުރާނެ ކަމަށް ބެލެވެއެވެ.
Ads by MACL
