އާރުޓީއެލް ވިއުގަ މުޅި ރާއްޖެއަށް ފުރިހަމަކުރަން ކެބިނެޓުން އަވަސް ފިޔަވަޅުތަކެއް
ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ އެއްކޮށް ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި ފެށުމަށް ބޭނުންވާ ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި މިގޮތަށް ކަނޑައެޅުއްވީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތަރައްގީގެ އެކި މަޝްރޫއުތައް ކަނޑައެޅިފައިވާ ތާވަލުތަކާ އެއްގޮތަށް އަވަހަށް ނިންމުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ. އެހެންކަމުން ކުރިއަށް އޮތް މަސްތަކުގައި މި ވިއުގަ ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށްދާނީ ސަރުކާރުގެ އެންމެ މަތީ އިސްކަމެއް ދީގެންނެވެ.
މީގެ އިތުރުން، އާންމު ރައްޔިތުން ދިރިއުޅޭ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައިވެސް ކެބިނެޓުން މިއަދު ވަނީ މުހިންމު ނިންމުމެއް ނިންމާފައެވެ. އެގޮތުން ކެމިކަލް ރައްކާކުރާ ގުދަންތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރަށްރަށުގެ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، މާލޭގައިވެސް އަމަލުކުރަމުންދާ އުސޫލުން މީގެ ފަހުން ރަށްރަށުގައި އެފަދަ ގުދަންތައް ހަދަން ހުއްދަދޭނީ ހަމައެކަނި މީހުން ދިރިއުޅޭ ސަރަހައްދުތަކާ އެކަހެރި، ރައްކާތެރި ބިންތަކުގައި ކަމަށް ވަނީ ކަނޑައަޅާފައެވެ.
މިހާރުވެސް އެމްޓީސީސީ މެދުވެރިކޮށް ރާއްޖޭގެ 12 އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ކާމިޔާބުކަމާއެކު ދެމުން އަންނައިރު، މާލޭގެ އިތުރުން 6 އަތޮޅެއްގައި ބަހުގެ ޚިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ދަތުރުފަތުރުގެ ވިއުގަ އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މާލޭ ސަރަހައްދުގައި އާރުޓީއެލް ޓެކްސީ ލައިންގެ ޚިދުމަތްވެސް މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވަނީ ރަސްމީކޮށް ފަށާފައެވެ.
Ads by MACL
