ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް، އައުޓްޕޭޝަންޓް ނާސިންގ ކެއާ ތަޢާރަފުކޮށްފި
ހުޅުމާލެ ހޮސްޕިޓަލުން ދެމުންގެންދާ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ބަލިމީހުންނަށް ފަސޭހަކަމާއެކު އަވަސް ފަރުވާ ފޯރުކޮށްދިނުމަށްޓަކައި އައުޓްޕޭޝަންޓް ނާސިންގ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ބަލިމީހުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަޤްޞަދުގައި ތަޢާރަފުކުރި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ.
މި ޚިދުމަތުގެ އެންމެ ބޮޑު ބޭނުމަކީ ޑޮކްޓަރަށް ދެއްކުމުގެ ދިގު މަރުޙަލާތަކަކަށް ނުގޮސް، އާންމުކޮށް ބޭނުންވާ ނާސިންގ ފަރުވާތައް އެއް ފުރާޅެއްގެ ދަށުން ވަގުތުން ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މީގެ އިތުރުން މިއީ ހޮސްޕިޓަލުން ލިބޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އައުޓްޕޭޝަންޓް ނާސިންގ ޔުނިޓުން ފޯރުކޮށްދޭ ފަރުވާތަކުގެ ތެރޭގައި އިންޖެކްަން ޖެހުމާއި، ޒަޚަމްތަކުގައި ބޭސްއެޅުމުގެ އިތުރުން، އާވި އަރުވައިދިނުމާއި ހަކުރު ބަލައިދިނުން ހިމެނެއެވެ. ހަމައެއާއެކު، މާބަނޑު މީހުންނަށް ޚާއްސަކޮށްގެން ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުމުގެ ޚިދުމަތާއި، ލޭ ނެގުމުގެ އިތުރުން ލޭ ހަދިޔާކުރުމުގެ އިންތިޒާމުތައްވެސް މި ޔުނިޓުގެ ދަށުން ވަނީ ހަމަޖައްސާފައެވެ.
ހުޅުމާލެ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި އެ ހޮސްޕިޓަލުގެ އަބަދުގެވެސް އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ފަރުވާތައް ވީހާވެސް ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ. އަދި އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ސިއްޙީ ޚިދުމަތްތަކެއް ދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން އެ ހޮސްޕިޓަލުން އަބަދުވެސް ދެއެވެ.
Ads by MACL
