އީރާނުގެ ރޫޙާނީ ލީޑަރުގެ ޖަނާޒާގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި
އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުالله ޚާމަނައީ އަވަހާރަވުމާ ގުޅިގެން ބާއްވާ ޚާއްޞަ ޖަނާޒާގައި ދިވެހިރާއްޖޭގެ ފަރާތުން ރަސްމީ ވަފުދެއް ބައިވެރިވާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.
މި ޖަނާޒާގައި ބައިވެރިވުމުގެ ރަސްމީ ދައުވަތު ދިވެހި ސަރުކާރަށް ލިބިފައިވާކަމާއި، އެ ރަސްމިއްޔާތުގައި ރާއްޖެއިން ބައިވެރިވާނެކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ތެހެރާނަށް ދެވުނު ވައިގެ ޙަމަލާތަކެއްގައި ޚާމަނައީ އަވަހާރަވުމާ ގުޅިގެން ބާއްވާ މި ޖަނާޒާގެ ރަސްމިއްޔާތުތައް ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ 4 އިން ފެށިގެން 9 ގެ ނިޔަލަށެވެ. އެމެރިކާ އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ހުރެ ކުރިން މާރޗު މަހު ބާއްވަން އޮތް ޖަނާޒާ ފަސްކުރުމަށްފަހު، މިހާރު ހަމަޖެހިފައިވަނީ ތެހެރާނުގެ އިތުރުން ޤުމް، އަދި ޢިރާޤުގެ ނަޖަފާއި ކަރުބަލާގައިވެސް ވަދާޢީ ރަސްމިއްޔާތުތައް ބޭއްވުމަށްފަހު ޚާމަނައީގެ އުފަންރަށް ކަމަށްވާ މަޝްހަދުގައި ފަސްދާނުލުމަށެވެ.
މިދިޔަ އަހަރުތަކުގައިވެސް އީރާނުގެ އިސްވެރިންގެ ޖަނާޒާތަކުގައި ރާއްޖެއިން ބައިވެރިވެފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް ރައީސީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. މިފަހަރުގެ ޖަނާޒާއަކީ ގާތްގަނޑަކަށް 35 މިލިއަން މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ، ތާރީޚީ ގޮތުން އެންމެ ބޮޑު އެއް ޖަނާޒާއަށް ވެގެންދާނެ ކަމަށް އީރާނުގެ މީޑިއާތަކުން ބުނެއެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވަނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ ޗައިނާ އާއި ރަޝިޔާގެ އިތުރުން، ޤަޠަރު، ފްރާންސް އަދި ޕާކިސްތާނު ފަދަ ޤައުމުތަކުގެ ލީޑަރުންނަށްވެސް މި ޖަނާޒާގެ ދައުވަތު ފޮނުއްވާފައެވެ. މިގޮތުން ގިނަ އަދަދެއްގެ ޤައުމުތަކެއްގެ އިސް ވަފުދުތައް ބައިވެރިވާނެކަން ޔަޤީންވެފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދެއްވި ދައުވަތާ މެދު އެ ޤައުމުން ވަކި ގޮތެއް އަދި ނިންމާފައެއް ނުވެއެވެ.
Ads by MACL
