ވޯލްޑް ކަޕް 2026: ޕެނަލްޓީގައި ޖަރުމަން ކަޓުވާލައި ޕެރަގުއާއީ ގަދަ 16 އަށް
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ޕެނަލްޓީ ޝޫޓްއައުޓްގައި ވަރުގަދަ ޖަރުމަން ބަލިކޮށް، ޕެރަގުއާއީ އިން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، ޕެރަގުއާއީ މޮޅުވީ ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ހޫލިއޯ އެންސީސޯ ވަނީ ލަނޑެއް ޖަހައި ޕެރަގުއާއީއަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 54 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކައި ހަވާޓްޒް ވަނީ ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ހަވާޓްޒް ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ޕެރަގުއާއީގެ ކީޕަރު އޯލެންޑޯ ހިލް ވަނީ ޖަރުމަންގެ ހަވާޓްޒް އާއި ނިކް ވޯލްޓްމާޑްގެ ޕެނަލްޓީތައް ދިފާއުކޮށް މެޗުގެ ބަތަލަކަށް ވެފައެވެ. މީގެ އިތުރުން ޖަރުމަންގެ ޖޮނަތަން ޓާ ފޮނުވާލި ޕެނަލްޓީ ވަނީ ގޯލާ އަމާޒުނުވެ ބޭރަށް ގޮސްފައެވެ. ޕެރަގުއާއީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މައުރީސިއޯ، ގުސްޓާވޯ ގޮމޭޒް، މަޓިއަސް ގަލާޒާ އަދި ޖޯސޭ ކަނާލޭއެވެ.
Ads by BMLމިއީ 16 އަހަރުގެ ތެރޭގައި ޕެރަގުއާއީ އިން ވޯލްޑް ކަޕެއްގެ ނޮކްއައުޓް ބުރެއްގައި ވާދަކޮށް ހޯދި ފުރަތަމަ ކާމިޔާބީއެވެ. އެޓީމު ގަދަ 32 އަށް ދަތުރުކުރީ ގްރޫޕް ޑީގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އަނެއްކޮޅުން ޖަރުމަނަށް މިއީ 2014 ވަނަ އަހަރުގެ ކާމިޔާބީއަށްފަހު ނޮކްއައުޓް ބުރަކުން ފެނުނު ފުރަތަމަ ފަހަރު ނަމަވެސް، މި ބަލިވުމާއެކު އެޓީމަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.
ޖަރުމަނަކީ ވޯލްޑް ކަޕްގެ ތާރީހުގައި ހަތަރު ފަހަރު ތަށި އުފުލާލާފައިވާ ވަރުގަދަ ބާރެކެވެ. ނަމަވެސް ފަހަކަށް އައިސް އެޓީމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔަ ޖަރުމަނަށް، މިފަހަރުގެ މުބާރާތުގެ މި ނަތީޖާއަކީ ވެސް ލިބުނު ބޮޑު މާޔޫސްކަމެކެވެ.
Ads by MACL
